އެއްވެސް މީހެއްގެ މަދަނީ ހައްގަކަށް އުނިކަން އަންނަ ނިންމުމެއް ލޯކަލް ކައުންސިލްތަކުން ނުނިންމުމަށް އެ ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެލްޖީއޭއިން މިހެން ބުނެފައިވަނީ ވ. ފެލިދޫ ކައުންސިލަށް ދައްކަންޖެހޭ ފައިސާތަކެއް ނުދައްކާ މީހުންނާއި އެމީހުންގެ އަނބިން ނުވަތަ ފިރިންނަށް ކައުންސިލުންދޭ ހިދުމަތްތައް ނުދޭން ނިންމުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން އެލްޖީއޭއިން ރޭ ނެރުނު ބަޔާނެއްގައި ބުނީ ކައުންސިލުން ފޯރުކޮށްދޭ ހިދުމަތްތަކުން އެއްވެސް ރައްޔިތަކު މަހުރޫމް ކުރެވޭނީ ގާނޫނު އަސާސީއާ ހިލާފު ނުވާނެހެން ފާސްކޮށްފައިވާ ގާނޫނަކުން ނުވަތަ ގަވާއިދަކުން އެކަންކުރުމަށް ބާރު ލިބިގެން ކަމަށެވެ.

އެގޮތުން ކައުންސިލަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުން، ގާނޫނަކުން ނުވަތަ ގަވައިދަކުން ހުއްދަކުރާ ފިޔަވަޅެއް މެނުވީ އެއްވެސް މީހަކާ މެދު އެޅުމަކީ ފަރުދީ ހައްގެއް ހިފެހެއްޓުން ކަމަށް އެލްޖީއޭގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން އެލްޖީއޭއިން ބުނީ، ކައުންސިލާއެކުވާ މަދަނީ މުއާމަލާތެއްގެ ސަބަބުން، ދައްކަން ޖެހޭ ފައިދާއެއް ނުދެއްކުމުން، އެ މީހަކާމެދު ފިޔަވަޅު އަޅަންވާނީ އެ ފަދަ މުއާމަލާތްތަކާ ގުޅިގެން ހަދާ އެއްބަސްވުމުގެ މަތިން ކަމަށާއި އެފަދަ އެއްބަސްވުމެއް ނެތް ނަމަ، މަދަނީ ހައްގެއް ހިފެހެއްޓުމަކީ ކައުންސިލްތަކުން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.