ގެދުރުވެރިޔާ ސްކީމުގެ ދަށުން ޕޮއިންޓު ދީފައި ހުންނާނީ ފޯމުގައި ހުރި މައުލޫމާތަށް ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދު ގެދޮރުވެރިޔާ ކޮމިޓީގެ ޗެއާ އަކުރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

އަކުރަމް އެހެން ވިދާޅުވީ ފްލެޓު ލިބޭ މީހންގެ ލިސްޓު އާންމުކުރުމުން ލިސްޓުގައި ޕޮއިންޓު ދީފައި ހުރި ގޮތާމެދު ހިތްހަމަ ނުޖެހި، ގިނަ ބަޔަކު ހައުސިން މިނިސްޓްރީގައި މުޒާހަރާ ކުރަމުންދާތީ، އެމީހުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

"އަޅުގަނޑު މިހެން ބުނުމުން ތިބޭފުޅުން ހިތްޕުޅު ހަމަނުޖެހިދާނެ، އެކަމަކު ތިބޭފުޅުން (ފޯމު) ފުރުއްވާ ގޮތަކަށް އޭގަ ޕޮއިންޓު ލިބިފަ ހުންނާނީ" އަކުރަމް ވިދާޅުވިއެވެ.

އަކުރަމް އެހެން ވިދާޅުވުމުން އެ ތަނުގައި އެވަގުތު ތިބި މީހުން ވަނީ އަކުރަމް އިތުރަށް ވާހަކަދެއްކުމަށް ފުރުސަތު ނުދީ އަޑުގަދަކޮށްފައެވެ. އަދި އަކުރަމް އިތުރުފުޅު ހައްދަވަނީ ކަމަށާއި ޕޮއިންޓު ދިން ގޮތް ހާމަ ކުރުމަށް އެމީހުން ދިޔައީ ގޮވާލަމުންނެވެ.

ދާއިމީ ލިސްޓާމެދު ޝަކުވާ ހުށަހެޅުމަށް މިއަދުން ފެށިގެން ހުޅުވާލާ ކަމަށް އަކުރަމް މިދާޅުވިއެވެ. އަދި ޕޯޓަލް މެދުވެރިކޮށް ޝަކުރާ ހުށަހެޅޭނެ ކަމަށް ވިދާޅުވިއެވެ.

ހައުސިން މިނިސްޓްރީއަށް އެއްވެ ތިބި މީހުން ބުނަމުން ދަނީ އެމީހުންނަށްވުރެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު މީހުންނަށް ގިނަ ޕޮއިންޓު ދީފައިވާ ކަމަށެވެ. އަދި އިއްޔެ އާންމު ކުރި ލިސްޓުގައި ނުހިމެނޭ މީހުންނަށް ސަރުކާރުގެ އެހެން މަޝްރުއުތަކުން ފްލެޓު ދިނުމަށް ލިއުން ދޭނެ ކަމަށް ލިސްޓާއެކު އާންމުކުރި އިއުލާނުގައި ވާއިރު، އެ ލިޔުން ބޭނުން ނޫން ކަމަށާއި ޕޮއިންޓު އަލުން ގުނުމަށް ދަނީ ގޮވާލަމުންނެވެ.

ބައެއް މީހުން ދަނީ ލިސްޓު އެއްކޮށް ބާތިލު ކުރުމަށްވެސް ގޮވާލަމުންނެވެ.

އިއްޔެ އާންމުކުރި ލިސްޓާއެކު މިނިސްޓްރީން ނެރުނު އިއުލާނުގައި ވާގޮތުން، 3 ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ފަހި ދިރިއުޅުން ކޯޕަރޭޝަނުން މިހާރު އިމާރާތް ކުރަމުންދާ 4000 ފުލެޓް ލިބޭ މީހުންގެ ތެރޭގައި ހިމެނެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުންނެވެ. އަދި ދެ ކޮޓަރީގެ އެޕާޓްމެންޓް ލިބޭ މީހުންގެ ތެރޭގައި ހިމެނެނީ 73 ޕޮއިންޓުން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުންނެވެ.