ސިނަމާލެ ބުރިޖުގެ ހައިވޭގައި މި ސަރުކާރުން ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް އެ ތަނުން ނަގާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވައި، މުއިއްޒު ވިދާޅުވީ ސޯލާ ޕެނަލްތަކުގެ ސަބަބުން ހައިވޭ ފެންނަނީ ވަރަށް ހާސްކަން ބޮޑުތަނެއްގެ ގޮތުގައި ކަމަށާއި ހައިވޭގެ ރީތި މަންޒަރުވެސް އެކަމުގެ ސަބަބުން ގެއްލިފައިވާ ކަމަަށެވެ.

އިޔާދަކުރަނިވި ހަކަތައަކީ އެ މަނިކުފާނުގެ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައިވެސް ވަރަށް މުހިންމު އިސްކަމެއް ދެއްވާނެކަމެއްކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، އެކަން ކުރުމަށްވެސް އެންމެ ރަނގަޅު ގޮތެއް އޮންނާނެ ކަމަށެވެ.

"އަޅުގަނޑު ގަސްތުކުރަނީ އެ ދިގު ރާސްތާގައި ޖަހާފައި އެހެރެ ސޯލާ ޕެނަލްތައް އެތަނުން ނަގަން. ނަގައި ރާއްޖޭގައި ކުޑަ އަދި މެދު ސައިޒުގެ މި ދެންނެވީ އެއް ރަށް ނުވަތަ ދެ ރަށަކަށް އެއްކޮށް އެ ދެރަކަށް އަޅުގަނޑު ހިތުން ފުދޭނެ. އެއްކޮށް ސޯލާ ޕަވާއިން ހިންގޭ ގޮތަށް އެ ތަކެތި ގެންގޮސް މިތަކެތި ފަންޑުކުރި ފަރާތާވެސް މަޝްވަރާކޮށްގެން އެތަކެތި ނަގައިގެން ގޮސް އެއް ރަށް ނުވަތަ ދެ ރަށް ސޯލާ ޕަވާއިން ހިންގާ ގޮތަށް އެތަކެތި ނަގައިގެން ގެންދަން،" މުއިއްޒު ވިދާޅުވިއެވެ.

ހައިވޭގައި ސޯލާ ޖަހަމުން އަންނަނީ މަސައްކަތަކީ ވޯލްޑް ބޭންކާއި އެންވަޔަރަމަންޓް މިނިސްޓްރީ ގުޅިގެން ހިންގާ އެކްސްލެރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަލް އެނާޖީ (އެސްޕަޔާ) ޕްރޮޖެކްޓުގެ ދަށުންނެވެ.

މި މަސައްކަތް އެންވަޔަރަމަންޓް މިނިސްޓްރީން ތައިލެންޑުގެ ކުންފުންޏެއް ކަމަށްވާ އެންސިސް ކޯ ލިމިޓެޑާ ހަވާލުކޮށްފައި ވަނީ 24 ނޮވެމްބަރު 2020 ގައެވެ. ސޯލާ ޕެނެލް ހަރުކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 7 ޑިސެމްބަރު 2022 ގައެވެ.

އެ މަޝްރޫއު ނިމުމުން އަހަރަކަށް އުފައްދާ 7.3 މިލިއަން ކަރަންޓް ޔުނިޓުން ދައުލަތުން ކަރަންޓް އުފެއްދުމަށްޓަކައި ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް 15 އާއި 20 މިލިއަން ދިވެހި ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފައިވެއެވެ.

ސިނަމާލޭ ބުރިޖުގެ ހައިވޭގެ އެއާޕޯޓު ޓްރެފިކް ލައިޓުގެ އިރުމަތީ ފަރާތުން ހުޅުމާލެއަށް ދާން އޮންނަ ލޭނުން ފެށިގެން ހުޅުމާލެއަށް އަރާ މަގުގެ އެއްބައިގައިވެސް ވަނީ ސޯލާ ޖަހައިފައެވެ. އަދި ހައިވޭގައި އޯވަޓޭކް ކުރަން ހަމަޖައްސާފައިވާ ސަރަހައްދުގައިވެސް ހައިވޭގެ މެދުން ވަނީ ސޯލާ ޖަހައިފައެވެ.