ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތްކުރާ ދައުލަތުގެ މުވައްޒަފުންނަށް ހާޒިރީ އެލަވެންސް ލިބޭ ގޮތަށް ދައުލަތުގެ ޕޭ ފްރޭމްވޯކު ޕޭ ކޮމިޝަނުން ބަދަލުކޮށްފިއެވެ.

ޕޭ ފްރޭމްވޯކަށް ބަދަލުގެނައުމުގެ ކުރިން ދައުލަތުގެ މުވައްޒަފުންނަށް ހާޒިރީ އެލަވެންސް ލިބެނީ ރަސްމީ މަސައްކަތު ދުވަސްތަކުގައި ޖިސްމާނީ ގޮތުން ހާޒިރުވެގެން ނުވަތަ އޮންލައިންކޮށް މަސައްކަތްކުރާ ކޮންމެ ދުވަހަކަށެވެ.

ޕޭ ކޮމިޝަނުން ވަނީ، ޕޭ ޕްރޭމްވޯކުގެ އުސޫލަށް ބަދަލު ގެނެސް މިދިޔަ އާދިއްތަ ދުވަހު ގެޒެޓްކޮށްފައެވެ.

އެ އުސޫލުގައިވާ ގޮތުން ރަސްމީ މަސައްކަތު ދުވަސްތަކުގެ އިތުރަށް ރަސްމީ ބަންދު ދުވަހުގައިވެސް އޮފީހަށް ހާޒިރުވެ މަސައްކަތްކުރާ މުވައްޒަފުންނަށް ހާޒިރީ އެލަވެންސް މިހާރު ލިބޭނެއެވެ. އެގޮތުން މަސައްކަތު ގަޑީގެ ދެބައިކުޅަ އެއްބައި ފުރިހަމަކުރި ނަމަވެސް އެޓެންޑެންސް އެލަވަންސް ލިބޭނެ ކަމަށް ބުނެފައިވެއެވެ.

އުސޫލުގައިވާ ގޮތުގައި، އަތޮޅު ތެރެއަށް ނުވަތަ ރާއްޖެއިން ބޭރަށް ކުރަންޖެހޭ ރަސްމީ ދަތުރުތަކުގެ ދުވަސްތަކަށްވެސް ހާޒިރީ އެލަވެންސް ލިބޭނެއެވެ.

އިތުރު ގަޑީގެ އެލަވަންސްގެ ގޮތުގައި ދޭނީ އަސާސީ މުސާރައިން ގަޑިއަކަށް ޖެހޭ މިންވަރު 1.5 އާ ގުނަކުރަމުން ނިކުންނަ އަދަދާއި މުވައްޒަފު މަސައްކަތްކުރި ވަގުތު ގުނަކޮށްގެން އަންނަ އަދަދެވެ.