ވ. ރަކީދޫ ސެޓެލައިޓް ސްކޫލުގައި މިއަދު ކިޔަވައިދޭން ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ މިއަދު އެ ސެޓެލައިޓް ސްކޫލު ފެށީ ތިން ދަރިވަރުންނާއެކު ކަމަށެވެ. މިއީ ސެޓެލައިޓް ސްކޫލް ގާއިމުކުރި ރާއްޖޭގެ ހަވަނަ ރަށެވެ. ސެޓެލައިޓް ސްކޫލުތަކުގައި ކިޔަވައިދެނީ ހުރަވީ ސްކޫލުގައި ގާއިމުކޮށްފައިވާ ސެޓަލައިޓް ހަބުގައި އޮންލައިންކޮށް ހިންގާ ކްލާސްތަކުގައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ރަކީދޫ ސެޓެލައިޓް ސްކޫލު ގާއިމުކޮށް ކިޔަވައިދޭން ފެށުމުން، މިހާރު ރާއްޖޭގެ ހުރިހާ ރާށެއްގައި ކިޔަވައިދޭ ސްކޫލެއް ހުންނާނެ ކަމަށެވެ.

ސެޓެލައިޓް ސްކޫލް ގާއިމުކުރި ރަށްތައް:

  • ބ. ފެހެންދޫ
  • ބ. ފުޅަދޫ
  • ގއ. ކޮނޑޭ
  • އދ. ދިއްދޫ
  • ވ. ތިނަދޫ
  • ވ. ރަކީދޫ

ރަކީދޫގައި އެންމެ ފަހުން ކިޔަވައިދީފައިވަނީ މީގެ 15 އަހަރު ކުރިން، 2008 ގައެވެ. އެ ރަށުގައި ކިޔަވައިދިނުން މެދުކަނޑާލި އިރު، ކިޔަވާ ކުދިންގެ ގޮތުގައި ތިބީ 15 ވަރަކަށް ކުދިންނެވެ.

ކިޔަވާ އުމުރުގެ ކުދިން މަދުވުމުންނާއި ސްކޫލު ނެތް ރަށްރަށަށް އަމާޒުކޮށް ސެޓަލައިޓު ސްކޫލު ހުޅުވުމުގެ މަޝްރޫއު އިއުލާން ކުރީ މި ސަރުކާރުން 2021 ވަނަ އަހަރެވެ.