ގާޒާގައި ހުރި އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ގެ ވެއާހައުސްއަކަށް އަމާޒުކޮށް އިޒްރޭލުން ހަމަލާ ދީފައިވާ ކަމަށް އެ އެއިޑުން ބުނެފިއެވެ.

އައިއޭސީއަކީ ދިވެހިންގެ އެހީ އެންމެ ގިނައިން ފަލަސްތީނަށް ފޮނުވާ އެއިޑެވެ. އެ އެއިޑުން މިއަދު ބުނީ އެ ހަމަލާގައި އެ ވެއާހައުސް އެއްކޮށް ހަލާކުވެފައިވާ ކަމަށެވެ. އަދި އެ ވެއާހައުސްގައި ހުރި ތަކެތިވެސް އެއްކޮށް ހަލާކުވެފައިވާ ކަމަށް ބުންޏެވެ.

ވެއާހައުސްއަށް ދިން ހަމަލާގައި ހަލާކުވި ތަކެތީގެ ތެރޭގައި ހިމެނެނީ:

  • 2،000 ރަޖާ
  • ވަގުތުން ކެވޭ ގޮތަށް ތައްޔާރުކޮށްފައިވާ 1،000 ޕެޖޭކު
  • 3،000 އަންނައުނު ޕެކް

އައިއޭސީން ބުނީ އެ ހަމަލާގައި އެއްވެސް މީހަކަށް ފުރާނަޔަށް ގެއްލުންވާ ވަރުގެ ޒަހަމެއް ލިބިފައި ނުވާ ނަމަވެސް، ބައެއް މީހުންނަށް ކޮންމެވެސް ވަރެއްގެ ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ.

އަދި އެ އެއިޑުން އެއްޗެހި އުފުލުމަށް ބޭނުންކުރާ ކާރަކަށްވެސް ގެއްލުންތަކެއް ވެފައިވާ ކަމަށް ބުންޏެވެ.

އައިއޭސީން ބުނީ އެ އެއިޑުގެ އެހެން ވެއާހައުސްތައްވެސް ހުންނަ ކަމަށާއި ހަމަލާ ދިން ވެއާ ހައުސްގައި ހުރީ ނިސްބަތުން މަދު އަދަދެއް ކަމަށެވެ. އަދި ދިވެހިން ދިން އެހީ އެއްކޮށް ހަލާކުވީ ނޫން ކަމަށް ބުންޏެވެ.

ފަލަސްތީނަށް އެހީވާން އެ އެއިޑުން ހުޅުވާލާފައިވާ އެއިޑަށް މިހާތަނަށް ހަތް މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ. އެއީ ހަމައެކަނި އޮންލައިންކޮށް ލިބުނު އަދަދު ކަމަށާއި ފަންޑު ފޮށިތަކަށާއި އެހެން ގޮތް ގޮތުން ލިބިފައިވާ ހުރި ފައިސާ ގުނުމަށްފަހު އެ އަދަދު ހާމަކުރާނެ ކަމަށް އައިއޭސީގެ މީޑިއާ އޮފިޝަލު "ވަން" އަށް ވިދާޅުވިއެވެ.