''ރިންގް އޮފް ފަޔާ'' އިރު ކޭތަ ރޭގެ ވަގުތެއްގައި ހިފައިފިއެވެ.

މި އިރުކޭތައަށް ''ރިންގް އޮފް ފަޔަރ'' ގެ ނަމުން ނަން ދީފައިވަނީ ކޭތަ ހިފާ ވަގުތު އިރާއި ދުނިޔޭއާ ދެމެދަށް އެއް ސަފަކަށް ހަނދު މެދުވާ ވަގުތު އިރުގެ މެދުން ހަނދު ފެންނަ ވަގުތު ދުނިޔެއަށް އިރު ފެންނާނީ އިރުގެ ވަށައިގެން ވަށް ބޮޅެއްގެ ސިފައިގައި ކަމަށް ވާތީއެވެ.

''ރިންގް އޮފް ފަޔަރ'' އިރުކޭތަ ރޭ ފެނިފައިވަނީ އެމެރިކާ ބައްރުގެ ގައުމުތަކަށެވެ. ހާއްސަކޮށް އެމެރިކާގެ ސްޓޭޓް ތަކަށާއި މެދުތެރޭ އަދި ދެކުނު އެމެރިކާ ހިމެނޭ ގައުމުތަކަށް މި އިރުކޭތަ ފުރިހަމަކޮށް ފެންނާނެ ކަމަށް ފަލަކީ ހިސާބުތަކުން ބުނެއެވެ.

އިރުކޭތަ ފެންނަން ފަށާފައި ވަނީ ރޭ ރާއްޖެ ގަޑިން 20:03 ގައެވެ. އަދި އޮއްސިފައިވަނީ 01:55 ގައެވެ.

''ރިންގް އޮފް ފަޔަރ'' އިރުކޭތަ ރާއްޖެއަށް ނުފެނުނު ނަމަވެސް މިމަހު ހިފާ ހަނދު ކޭތަ ރާއްޖެއަށް ފެންނާނެއެވެ. މިމަހުގެ 28 ވަނަދުވަހުގެ ރޭ ފެންނަ މި ހަނދުކޭތައަކީ ބައި ހަނދު ކޭތައެކެވެ.

ރާއްޖެ ހިމެނޭ ސަރަހައްދުން ދެން އެންމެ އަވަހަށް އިރުކޭތައެއް ފެންނާނީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 7 ގައެވެ.