އިޒްރޭލުން ފަލަސްތީނު ގާޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 2،215 މީހުން ޝަހީދުކޮށްލައިފިއެވެ.
ފަލަސްތީނުގެ ހެލްތް މިނިސްޓްރީއާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން، އިޒްރޭލުން ހަމާސްއާ ދެކޮޅަށް ހަނގުރާމަ ފެށިފަހުން މިހާތަނަށް އެ ހަމަލާތަކުގައި 2،215 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި 724 ކުޑަކުދިންނާއި 458 އަންހެނުން ހިމެނޭ ކަމަށެވެ.
މިހަމަލާތަކުގައި 8،700 މީހަކަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ. ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި ފަލަސްތީނުގެ އިތުރު 250 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.
އޭގެ އިތުރުން، އެތައް ބައެއްގެ ގެދޮރު ސުންނާފަތިވެ މަގުމަތިވެފައިވާ އިރު، އިޒްރޭލުން ވަނީ ގާޒަގެ 1.1 އަށްވުރެ ގިނަ ރައްޔިތުން، 24 ގަޑިއިރުގެ ތެރޭގައި ގާޒާއިން ފޭބުމަށް އިންޒާރު ދީފައެވެ. ގާޒާ ހޮސްޕިޓަލުތަކުގައި ޒަހަމްވެފައި ތިބި ފަލަސްތީނުގެ ރައްޔިތުން އެހެން ތަނަކަށް ގެންދިއުމަށްވެސް ވަނީ އަމުރު ކޮށްފައެވެ.
ދެ މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮންނަ ގާޒާއިން މީހުން ފޭބުމަށް އިޒްރޭލުން އެންގުމާއެކު އދ. އިން ވަނީ އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެފައެވެ. އދ. އިން ބުރާސްފަތި ދުވަހު ވަނީ އިޒްރޭލުން އެ އިދާރާއަށް އެކަން އެންގި ނަމަވެސް އެކަމާ އެއިދާރާއިން ދެކޮޅު ހަދާ ކަމަށް ބުނެފައެވެ.
އިޒްރޭލުން ވަނީ ގާޒާ ސިޓީގެ އާންމުން އެމީހުންގެ އަމިއްލަ ރައްކާތެރި ކަމަށް އެ ސިޓީ ދޫކޮށް ދެކުނަށް ފޭބުމަށް އަންގައި ގާޒާއަށް ކަރުދާސްތަކެއްވެސް އަޅައިފައެވެ.
ވޯލްޑް ހެލްތް އޯގަނައިޒޭޝަނުންވެސް ބުނީ މިއީ ގާޒާގެ ހޮސްޕިޓަލުތަކުގައި ޒަހަމްވެފައިވާ މީހުން އެތަނުގެ ހޮސްޕިޓަލުން އެހެން ތަނަކަށް ގެންދިއުން އެކަށީގެންވާ ދަނޑިވަޅެއް ނޫން ކަމަށާއި އެއީ ލައިންސާނީ އަމަލެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު