އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ގާޒާގެ ރައްޔިތުންނަށް އެހީވުމަށް ރާއްޖޭގެ ރެޑް ކްރެސެންޓުން ފަންޑެއް ހުޅުވާލައިފިއެވެ.
ރެޑް ކްރެސެންޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ގާޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެހީއަށް އެދި ފަލަސްތީނުގެ ރެޑް ކްރެސެންޓުން އިއްޔެ ގޮވާލާފައިވާ ކަމަށެވެ. އަދި އެ ގޮވާލުމަށް އިޖާބަ ދިނުމަށް ރާއްޖޭގެ ރެޑް ކްރެސެންޓުގެ ފަންޑު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
އެ އެއިޑުން ބުނީ ހަމަލާތަކުގެ ސަބަބުން ގާޒާގެ އާންމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެތަނުގެ ހާލަތު އިތުރަށް ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުނެފައިވާ ކަމަށް ބުންޏެވެ.
ރާއްޖޭގެ ރެޑް ކްރެސެންޓުގެ ފަންޑު މިއަދުން ފެށިގެން މި މަހުގެ 28ގެ ނިޔަލަށް ހުންނާނީ ހުޅުވާލައިފައެވެ. އެ ފަންޑަށް ފައިސާ ޖަމާކުރުމަށް ހަތަރު އެކައުންޓަކަށް ފައިސާ ފޮނުވޭނެ އެވެ. އެއީ:
- 7701-176022-001 (ބީއެމްއެލް-ރުފިޔާ)
- 7701-176022-002 (ބީއެމްއެލް-ޑޮލަރު)
- 9901-01-55500036-100 (އެމްއައިބީ-ރުފިޔާ)
- 9901-01-55500036-200 (އެމްއައިބީ-ޑޮލަރު)
ރެޑް ކްރެސެންޓުން ބުނީ އެ ފަންޑަށް ލިބޭ ފައިސާ ހަރަދު ކުރާނީ ފުރަތަމަ އެހީ އަދި ސިއްހީ އެހީއަށް ބޭނުންވާ ސާމާނާއި އުޅަނދުތަކަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުން ފަދަ ހަރަދުތަކަށް ކަމަށެވެ. އަދި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ކާބޯތަކެއްޗާއި ސާފު ބޯފެނާއި ބޯހިޔަވަހިކަން ފޯރުކޮށްދިނުމަށްވެސް އެ ފައިސާ ހަރަދު ކުރާނެ ކަމަށް ބުންޏެވެ.
އިޒްރޭލުގެ ހަމަލާތަކުގައި ގާޒާއިން މިހާތަނަށް 1،900 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައިވާ އިރު، ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައިވެސް 250 އަށްވުރެ ގިނަ މީހުން މަރާލާފައިވާ ކަމަށް ގާޒާގެ ހޮސްޕިޓަލުތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވެއެވެ. އަދި 7،000 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވެއެވެ.
އޭގެ އިތުރުން، އެތައް ބައެއްގެ ގެދޮރު ސުންނާފަތިވެ މަގުމަތިވެފައިވާ އިރު، އިޒްރޭލުން ވަނީ ގާޒަގެ 1.1 އަށްވުރެ ގިނަ ރައްޔިތުން، 24 ގަޑިއިރުގެ ތެރޭގައި ގާޒާއިން ފޭބުމަށް އިންޒާރު ދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު