ސަބްމެރިންގައި ދަތުރުކުރި މީހުންގެ ހަށިގަނޑުގެ ބައިތަކެއް ކަމަށް ބެލެވޭ ބައިތަކެއް ކަނޑު އަޑިން ފެނިއްޖެއެވެ.

މީގެ ހަތަރު މަސް ކުރިން ޓައިޓޭނިކް ބެލުމަށް ފަސް މީހުންނާ އެކު އެޓްލާންޓިކް ކަނޑަށް ފީނި ސަބްމެރިން ފުނޑުފުނޑުވެ، އޭގެން ދަތުރުކުރި އެންމެން މަރުވި ހާދިސާ ތަހުގީގު ކުރިޔަށްދާ އިރު ތަހުގީގީ ޓީމުތަކުން ވަނީ ކަނޑުގެ އަޑީގައި އޭގެން ދަތުރުކުރި މީހުންގެ ހަށިގަނޑުގެ ބައިތަކެއް ކަމަށް ބެލެވޭ ބައިތަކެއް ފެނިފައިވާ ކަމަށް ބުނެފައެވެ.

ތަހުގީގު ކުރުމުގައި ހަރަކާތްތެރިވާ އެކްސްޕާޓުންގެ ޓީމުން ވަނީ ސަބްމެރިންގެ މަދުވާ ބައިތައް ހޯދުމަށް ކުރި މަސައްކަތުން އިތުރު ހޯދުންތަކެއް ފެނިފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް އިތުރު ތަފުސީލެއް ދީފައެއް ނުވެއެވެ.

އޮފިޝަލުން ވަނީ ތަހުގީގު ނިމުމާއެކު ހުޅުވާލެވިގެން ކުރިޔަށްގެންދާ އަޑުއެހުންތަކެއް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާކަން ހާމަކޮށްފައެވެ.