އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ފޯރުކޮށްދިނުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ހުޅުވާލި އެމަޖެންސީ ފަންޑަށް އެއް މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ އެއިޑުން ބުނެފިއެވެ.

"ވަން" އަށް މައުލޫމާތު ދެމުން އައިއޭސީގެ މީޑިއާ ޑިރެކްޓަރު އަޒްހަދު އަހުމަދު ވިދާޅުވީ ފަންޑަށް މިލިއަނެއް ހަމަވީ މިއަދު މެންދުރު ކަމަށެވެ. އައިއޭސީއިން އެ ފަންޑު ހުޅުވާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުންނާއި ދިވެހީން ތިބީ ފަލަސްތީނާ އެކު ކަން ހާމަކުރުމަށް އެކި ހަރަކާތްތައް ރާވަމުންދާ ކަމަށް އަޒުހަދު ވިދާޅުވިއެވެ. އެގޮތުން ރެލީއަކާއި ޓެލެތޯންއެއްވެސް ރާވަމުންދާ ކަމަށާއި އެކަމުގެ އިތުރު ތަފްސީލު ފަހުން ހާމަކުރާނެ ކަމަށް ވިދާޅުވިއެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ހުޅުވާލާފައިވާ ފަންޑަށް ފައިސާ ފޮނުވަނީ އައިއޭސީގެ އިސްލާމިކް ބޭންކެ އެކައުންޓު ނަމްބަރު 7770000062741 އަށެވެ.

ހަމާސްއާ ދެކޮޅަށް ހަނގުރާމަ އިއުލާންކުރުމަށް ފަހު އިޒްރޭލުން ގާޒާއަށް ވަރުގަދަ ހަމަލާތަކެއް ދެމުންދާ އިރު، މިހާތަނަށް ފަލަސްތީނުގެ 400 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި 2،300 އަށްވުރެ ގިނަ މީހުންނަށް އަނިޔާ ލިބިފައިވާ އިރު، 123،000 އަށްވުރެ ގިނަ މީހުން ވަނީ މަގުމަތިވެފައެވެ.