ސިންގާގެ އަޑަށްވުރެން އިންސާނުންގެ އަޑުދެކެ ޖަނަވާރުތައް ބިރުގަންނަ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ދެކުނު އެފްރިކާގެ ކްރޫގާ ނެޝަނަލް ޕާކުގައި ސައިންސުވެރިން ކުރިޔަށް ގެންދިޔަ އެ ދިރާސާގައި ވަނީ ރެކޯޑު ކޮށްފައިވާ އަޑުތަކެއް ސްޕީކަރެއް މެދުވެރިކޮށް އިއްވާފައެވެ.

ސައިންސުވެރިން ކުރި އެ ދިރާސާގައި އިންސާނުން ވާހަކަ ދައްކާ އަޑު ސްޕީކަރުން އިވުމާއެކު %95 ޖަނަވާރުން ބިރުން ފިލި ކަމަށް ރިޕޯޓުގައި ވެއެވެ. ނަމަވެސް ސައިންސުވެރިން ސިންގާގެ އަޑު ސްޕީކަރުން އިއްވި ނަމަވެސް ޖަނަވާރުންނަށް މާބޮޑު ކަމަކަށް ނުވި ކަމަށް ބުނެފައިވެއެވެ.

ދިރާސާ ކުރި ޓީމުން ސިންގާގެ އަޑު އިއްވުމާއެކު ޒުލުގައި ތިބި އެތް ތަކުގެ އުޅުމަށް ކުއްލި ބަދަލު އައިސް އެ އަޑު އަންނަ ދިމާލަށް ދާން މަސައްކަތް ކުރި ކަމަށް ސައިންސުވެރިން ބުނެފައިވެއެވެ.

ދިރާސާއިން ހާމަވި ކަންކަމަށް ބަލައި ޒޫ ބަލަން އަންނަ މީހުންގެ ސަބަބުން ޖަނަވާރުތަކުގެ އުޅުމަށް ބަދަލު އައިސް ބިރުގަންނަ ކަމަށް އެ ޒޫ ބަލަހައްޓާ ފަރާތްތަކުން ވެސް ފާހަގަކޮށްފައިވާ ކަމަށް ބުނެއެވެ.

ދިރާސާއިން ފެނުނު ކަންކަމަށް ބަލައި މުސްތަގުބަލުގައި ޖަނަވާރުންގެ އާބާދީ ރައްކާތެރިކުރެވިދާނެ ގިނަ ކަންކަމެއް އިތުރަށް ބެލުމަށް މަގުފަހިވެފައިވާ ކަމަށް ސައިންސުވެރިން ބުނެއެވެ.