ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ސަރުކާރުގައި ދޫކުރި ސިނަމާލެ އަދި އެހެން ބައެއް ފްލެޓުތައް ދޫކޮށްލަން ބޭނުންވާ މީހުންނަށް ސަރުކާރުގެ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓު އަދި ބިމަށް ކުރިމަތިލެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ރާއްޖެ ޓީވީއަށް ރޭ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓަށް މިހާރު ފްލެޓް ލިބިފައިވާ ފަރާތްތަކަށްވެސް އެދެވޭނެ ކަމަށެވެ. އެގޮތަށް ކުރިމަތި ލައިގެން ފްލެޓު ދޫކުރާނީ މިހާރު ދިރިއުޅޭތަން ދޫކޮށްލާނަމަ ކަމަށް އޭނާ ވިދާޅުވިއެވެ.
"ވަރަށް ކުރިން ދީފައި ހުންނާނެ އެއީ، ކުރީގެ ރައީސް މައުމޫން ސަރުކާރުގައި ދެއްވާފައި ހުރި ފްލެޓްތަކެއް. އެއީ ވަރަށް ގިނަ ދުވަސްވީ ހަމަ ކުދި ފްލެޓްތަކެއް އެއީ. އެއީ ހުޅުމާލޭގައި. ދެން ސިނަމާލެ ފްލެޓްތަކުގެ ބޭފުޅުންނަށްވެސް ކުރިމަތިލެވޭނެ" އަކްރަމް ވިދާޅުވިއެވެ.
އަކްރަމް ވިދާޅުވީ، މީގެ ކުރިން ދޫކޮށްފައިވާ އެއް ކޮޓަރީގެ ފްލެޓްތަކާއި އެސްއޯއީތަކުން ދޫކުރި އެއް ކޮޓަރީގެ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް އެހެން ފުރުސަތުތައް ނެތުމުން އެކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށާއި މިހާރު ހުޅުވާލާފައިވާ މުއްދަތުގެ ތެރޭގައި އެމީހުންނަށް ވެސް ބިމާއި ފްލެޓަށް ކުރިމަތިލެވޭނެ ކަމަށެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދެވަނަ ބުރަށް 6،000 ފްލެޓާއި 4،500 އަށްވުރެ ގިނަ ގޯތި ހުޅުވާލަން ވަނީ ނިންމައިފައެވެ. އޭގެ ތެރެއިން ގޯތި ދޭން ނިންމާފައިވާ އެއް ތަނަކީ އުތުރު ތިލަފަޅެވެ.
ޚަބަރު
ޚަބަރު
ޚަބަރު