މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ފްލެޓު ދިނުމަށް ސަރުކާރުން ހިންގާ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އެކުލަވާލުމުގެ މަސައްކަތް އަދިވެސް ނުނިމޭ ކަމަށާއި އެންމެ އަވަހަށްވެސް އެ ލިސްޓު އާންމުކުރެވޭ ވަރު ވާނީ އަންނަ ހަފުތާގައި ކަމަށް ހައުސިން މިނިސްޓްރީއިން މިއަދު ބުނެފިއެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ފްލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓް ޕްލޭނިން މިނިސްޓްރީން އާއްމުކުރީ މި މަހުގެ އަށް ވަނަ ދުވަހުއެވެ. އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދާ ހަމައަށް އޮންނާނެއެވެ.
ގޯތި ލިބޭ މީހުންނާ އެކު މިދިޔަ ހަފުތާގައި ބޭއްވި ބައްދަލުވުމެއްގައި ހައުސިންގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ވިދާޅުވެފައިވަނީ މި ހަފުތާގައި ދާއިމީ ލިސްޓު އާންމު ކުރެވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ނަމަވެސް އަކްރަމް "ވަން" އަށް މިއަދު ވިދާޅުވީ، ދާއިމީ ލިސްޓުގެ އިވެލުއޭޝަން މަސައްކަތްތައް އަދިވެސް ނުނިމޭ ކަމަށާއި މަސައްކަތް ކުރަމުން އަންނަނީ ވީހާވެސް އަވަހަކަށް އެ ލިސްޓު އާންމު ކުރުމަށް ކަމަށެވެ.
"އެންމެ އަވަހަށްވެސް ނެރެވޭނީ (ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓު) އަންނަ ހަފުތާގައި،" އަކްރަމް ވިދާޅުވިއެވެ.
"ގެދޮރުވެރިޔާ ސްކީމު"ގެ ދަށުން ފްލެޓަށް 20،697 މީހުން ކުރިމަތިލިއެވެ. އޭގެ ތެރެއިން ޝަރުތު ހަމަވަނީ 13،763 މީހުންނެވެ. އެއީ ދެ ކޮޓަރީގެ ފްލެޓު ލިބޭ 3،903 މީހުންނާއި ތިން ކޮޓަރީގެ ފްލެޓު ލިބޭ 9،860 މީހުންނެވެ.
ހައުސިން މިނިސްޓްރީން އިއުލާނުކޮށްފައިވާ ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު ވެސް މިހާރު ވަނީ އިއުލާންކޮށް، ގޯތި ބެހުމުގެ މަސައްކަތް ފަށައިފައެވެ. ގޯއްޗަށް ޝަރުތު ހަމަވާ 18،955 މީހުން ހިމެނެއެވެ. ގެދޮރުވެރިޔާ ސްކީމުން ހުޅުމާލެއިން 1،351 ގޯތި، ގުޅިފަޅުން 2،219 އަދި ގިރާވަރު ފަޅު ހިއްކައިގެން 5،433 ގޯތި ދިނުމަށް ވަނީ ނިންމައިފައެވެ. އެއީ ޖުމުލަ 9،003 ގޯއްޗެވެ.
"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓް ދޭން ހުޅުމާލެ ފޭސް ދޭއްގައި 4,000 ފްލެޓް ހަދަމުން އަންނައިރު, އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިންޑިއާގެ ޖޭއެމްސީ އާއި އެންބީސީސީއާއެވެ. ކޮންމެ ކުންފުންޏަކާވެސް ހަވާލުކޮށްފައި ވަނީ 2,000 ފްލެޓްގެ މަސައްކަތެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޝަރުތު ހަމަވި އެންމެންނަށް ފްލެޓް ދޭނެ ކަމަށް ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު