ކިރިގިސްތާނުގެ ކުޑަކުދިން ނުރައްކަލުން ސަލާމަތްކުރުމަށް ޓިކްޓޮކް މަނާ ކުރަން ނިންމައިފިއެވެ.

މެދުތެރޭ އޭޝިއާގައި އޮންނަ ކިރިގިސްތާނުގެ ކަލްޗަރަލް މިނިސްޓަރު ވަނީ އެގައުމުގެ އެކި ފަރާތްތަކުން ތަކުރާރުކޮށް ޓިކްޓޮކް އުވާލުމަށް އެދެމުން ދިއުމާއެކު އެކަމަށް އިޖާބަ ދިނުމަށް ނިންމާފައިވާ ކަން އާންމުކުރައްވައި ބަޔާނެއް ނެރުއްވައިފައެވެ.

އެ ބަޔާނުގައި ވާގޮތުން ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކުން އެކަމުގެ ނުރަނގަޅު ބޭނުން ހިފުމުގެ ސަބަބުން އެ ގައުމުގެ ކުޑަކުދީންނާއި ޒުވާން ޖީލު ވަނީ ނުރައްކަލަށް ވެއްޓިފައެވެ.

ބަޔާނުގައި ބުނީ ޓިކްޓޮކުން ވަކި އުމުރުފުރާއަކަށް ވަކި ވީޑިއޯތަކެއް ކަނޑައަޅާފައި ނެތުމުގެ ސަބަބުން ނޭދެވޭ ނަތީޖާތައް ނުކުންނަ ކަމަށެވެ. ކުޑަކުދީން އެ ވީޑިއޯތައް ބެލުމުގެ ސަބަބުން އެ ކުދީންނަށް ގިނަ މައްސަލަތައް ކުރިމަތިވަމުންދާ ކަންވެސް ފާހަގަކޮށްފައިވެއެވެ.

ކިރިގިސްތާނުގެ މި ނިންމުމާމެދު ޓިކްޓޮކުން އަދި އެއްވެސް ކޮމެންޓެއް ކޮށްފައެއް ނުވެއެވެ.

ދުނިޔޭގެ ބޮޑެތި ގައުމުތަކުން ވަނީ ކުޑަކުދިންނަށް ނޭދެވޭ އަސަރު ކުރާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ކޮންޓްރޯލް ކޮށްފައެވެ. އޭގެ ތެރޭގައި ޔޫކޭ އާއި ފްރާންސް ފާހަގަކޮށްލެވެއެވެ.