ނިތްކުރީގައި ޖަހައި ބިސްފެޅުން ހުއްޓާލުމަށް ސިއްހީ މާހިރުން ގޮވާލައިފިއެވެ.

ޓިކްޓޮކްގައި ވައިރަލްވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުން ބެލެނިވެރިން އެމީހުންގެ ތުއްތުކުދިންގެ ނިތްކުރީގައި ޖަހައި ބިސް ފަޅާލާ މަންޒަރު ފެނެއެވެ. ދުނިޔޭގެ އެތައް ކަންކޮޅުތަކަކ އެތަކެއް ހާސް ބަޔަކު މި ޓްރެންޑް ފޮލޯކޮށް ވީޑިއޯ ހަދައި ޓިކްޓޮކް އަށް ލާން ފެށުމާއެކު ސިއްހީ މާހިރުން ވަނީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރަން ފަށާފައެވެ.

ފްލޮރިޑާގައި ހުންނަ ޖޯންސް ހޮޕްކިންސް އޯލް ޗިލްޑްރަން ހޮސްޕިޓަލުގެ ޑޮކްޓަރަކު ވަނީ މިކަމުގެ ސަބަބުން ތުއްތުކުދިންނަށް ދެވެނީ އަނިޔާއެއް ކަމަށް ބުނެފައެވެ. ބައެއް ވީޑިއޯތަކުން ފެންނަ ގޮތުން އެކުދިންގެ ނިތްކުރީގައި ބިހުން ޖެހުމުން ބިސް ފަޅައިގެނެއް ނުދެއެވެ. މިކަމުގެ ސަބަބުން އެކުދިންގެ ބޮލަށް ގެއްލުމެއް ލިބުމުގެ ފުރުސަތު އޮތްކަމަށް މާހިރުން ބުނެއެވެ.

https://www.tiktok.com/@drtanyaaltmann/video/7269868704043781419?q=Parents+warned+after+cracking+eggs+on+toddlers%27+heads+in+TikTok+trend

ސިއްހީ މާހިރުން ވަނީ ތުއްތުކުދިންގެ ނިތްކުރިޔަށް ބިސް ފަޅާލުމަށް ކުރާމަސައްކަތުގެ ތެރެއިން ބިސްތޮށީގެ ބޭރުގައި ހޭކިފައި ހުންނަ ނުރައްކާތެރި ބެކްޓީރިއާތަކުގެ ސަބަބުން ދެން ދިމާވެދާނެ ނުރައްކާތެރި ހާލަތާމެދު ވިސްނާލުމަށް ވެސް ގޮވާލާފައެވެ.

ޓިކްޓޮކްގައި ވަނީ މިޓްރެންޑް ބޭނުންކުރާ މީހުން އެކަމަށް ހާއްސަ ހޭޝްޓެގެއްވެސް ބޭނުންކުރަން ފަށާފައެވެ. މިހާތަނަށް 670 މިލިއަން މީހުން އެޓެގް މެދުވެރިކޮށް ވީޑިއޯ ބަލާފައިވާކަމަށް ޓިކްޓޮކް ރެކޯޑްތަކުން ދައްކައެވެ.