ކޮކާ-ކޯލާ މޯލްޑިވްސް އިން އަލަށް ތައާރަފު ކުރި ބުއިން, ޗާޖްއިން ކުރިއަށް ގެންދާ މިއުޒިކް ހަރަކާތްތަކުގެ ދެވަނަ ޝޯ އަންނަ ހުކުރު ދުވަހު އޮންނާނެއެވެ.

"ޗާޖްޑް ނައިޓްސް"ގެ ނަމުގައި ބާއްވާ އެ ހަރަކާތުގެ ފުރަތަމަ ޝޯ ބޭއްވީ މިދިޔަ ހުކުރު ދުވަހު އާޓިފިޝަލް ބީޗުގަ އެވެ. ދެވަނަ ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ މާލޭ ސޯޝަލް ސެންޓަރުގަ އެވެ. ޝޯ ކުރިއަށްދާނީ ރޭގަނޑު 8 އިން 10 އަކަށެވެ.

ދެވަނަ ޝޯގައި ހުށަހަޅައިދޭނީ ފާލިހް ބޭންޑާއި ހަބޭސް ބޮޑުބެރު ގުރޫޕުގެ އިތުރުން ޓްރެފިކް ޖޭމެވެ. ޗާޖްޑް ނައިޓްސް ކުރިއަށްދާ ތަނުގައި ޗާޖް ބުއިން ލިބޭ ސްޓޯލްތައް ހުންނާނެއެވެ.

ޗާޖްޑް ނައިޓްސް ގުޅިފައިވަނީ، މިހާރު ކުރިއަށްގެންދާ "ގެޓް ޗާޖްޑް އެންޑް ވިން" ޕްރޮމޯޝަނާ އެވެ. ޗާޖްޑް ދަޅެއް ގަންނަ އިރު، ކަހާލެވޭ ކާޑުކޮޅަކަށް އެދުމުން ލިބޭ އެ ކާޑުކޮޅު ކަހާލުމުން ފެންނަ ފޮރުވިފައިވާ ކޯޑް އެސްއެމްއެސް މެދުވެރިކޮށް 2626އަށް ފޮނުވުމުން ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.

އެ ޕްރޮމޯޝަންގައި ނަސީބުވެރިންނަށް އިނާމުގެ ގޮތުގައި ބެނެލީ ސައިކަލާއި ހެލްމެޓާއި ޗާޖްޑް ކޭސްތައް ލިބިގެންދާނެ އެވެ. އިނާމުތައް ލިބޭ ނަސީބުވެރިން އިއުލާނު ކުރާނީ އޮގަސްޓް 19، ސެޕްޓެމްބަރު ދޭއް އާއި 16 ގައި ކޮންމެ ރެއެއްގެ 9:30ގައި ޓީވީއެމުންނެވެ.

ޝޯއަށް ވަނުމަށް ޗާޖްޑް ދަޅެއް ގަންނަ އިރު، ލިބޭ ކާޑުކޮޅު ދައްކަންޖެހޭނެއެވެ.