މާލޭ އަދި ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދު އުދައިގެ އަސަރުކޮށްފާނެކަމަށް ބެލެވޭކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން މިއަދު ބުނީ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާ ހަމައަށް ރާޅު ބާނީގެ އުސްމިނަކީ 2.5 ފޫޓާއި 2.6 ފޫޓު ކަމަށެވެ. އަދި ކ. އަތޮޅުން ފެށިގެން ލ. އަތޮޅުގެ ރަށްތަކުގައި ރާޅުބާނީގެ އުސްމިން ހުރީ 1.6 ފޫޓުން ފެށިގެން 2.5 ފޫޓާއަށް ކަމަށް މެޓް އޮފީހުން ބުންޏެވެ.

ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީގެ ރަށްތަކުގެ ރާޅު ބާނީގެ އުސްމިނަކީ 3 ފޫޓާއި 2.2 ފޫޓު ދެމެދުކަމަށް މެޓް އޮފީހުން ބުންޏެވެ.

އުދައިގެ އަސަރުކުރާނެކަމަށް ބެލެވުނު ނަމަވެސް މިއަދުގެ މޫސުން ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ވެސް ރަނގަޅުވާނެކަމަށް ބެލެވޭކަމަށް މެޓް އޮފީހުން ބުންޏެވެ.

އެގޮތުން ވައިޖެހޭނެކަމަށް ލަފާކުރެވެނީ ހުޅަނގު އުތުރުން ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނެއްގައިކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުންޏެވެ.

މީގެ ދުވަސްކޮޅެއް ކުރިން މާލެއަށް ވެސް ވަނީ ވަރަށް ބޮޑަށް އުދަ އަރައިފައެވެ. އެފަހަރު އެރި ރާޅުތަކާއެކު ހައިވޭ ޓްރެފިކް ލައިޓު ކައިރީގައި މަޑުކޮށްގެން ތިބި މީހުން ވެސް ރާޅާއެކު ވަނީ ގޮސްފައެވެ. ފުލުހުން ވަނީ ޒަރޫރީ ބޭނުންތަކަށް ނޫނިއްޔާ ބުރިޖު އަދި ހައިވޭ ބޭނުން ނުކުރަންވެސް އިރުޝާދު ދީފައެވެ. ބުރިޖު އަދި ހައިވޭ ބޭނުންކުރާނަމަ ހަތަރުފުރޮޅުލީ އުޅަނދު ބޭނުން ކުރުމަށް ވެސް ފުލުހުން ވަނީ އެ ފަހަރު އިރުޝާދު ދީފައެވެ.