ބީބީސީގެ މަޝްހޫރު ޖާނަލިސްޓް ޖޯޖް އަލަގާ މަރުވެއްޖެއެވެ.

އުމުރުން 67 އަހަރުގެ ޖޯޖް މަރުވީ ކެންސަރު ބަލީގައެވެ. އެ ބައްޔަށް ޖޯޖް ފަރުވާ ކުރަމުން ގެންދާތާ ނުވަ އަހަރު ވެފައިވާ ކަމަށް އޭނާގެ އެޖެންޓް ބުނެފައިވެއެވެ.

ޖޯޖް އާންމުންނަށް އެންމެ ބޮޑަށް ފާހަގަކުރެވިފައި ވަނީ ބީބީސީގެ ނިއުސް އެޓް ސިކްސް އިންނެވެ. އޭނާ ވަނީ ނިއުސް އެޓް ސިކްސް 20 އަހަރު ވަންދެން ހުށަހަޅައިދީފައެވެ.

ޖޯޖް އަލަގާ ވަނީ ފޮރިން ކޮރެސްޕޮންޑެންޓެއްގެ ގޮތުން އެކި ގައުމުތަކުގައި މަސައްކަތްކޮށްފައެވެ. އޭގެތެރޭގައި ރުވަންޑާއާއި އިރާގު ހިމެނެއެވެ.

ބީބީސީގެ ޑިރެކްޓަރު ޖެނެރަލް ޓިމް ޑޭވް ބުނި ގޮތުގައި ޖޯޖް މަރުވުމަކީ ބީބީސީގެ މުޅި އާއިލާއަށާއި ބެލުންތެރިންނަށް ހިތާމަވެރި ދުވަހެއް ކަމަށެވެ. އަދި ޖޯޖަކީ ނަމޫނާ ޖާނަލިސްޓެއް ކަމަށާއި އޭނާގެ ހިތްހެޔޮކަމާއި މަޑުމައިތިރިކަމުގެ އިތުރުން އިންސާނިއްޔަތަށް ލޯބިކުރާ މިންވަރު އޭނާގެ ސަޕޯޓަރުން ދުވަހަކުވެސް ހަނދާން ނެތިގެން ނުދާނެ ކަމަށްވެސް ބުނެފައިވެއެވެ.

ޖޯޖަށް ވަނީ ނޫސްވެރިކަމުގައި ދުނިޔެއިން ލިބޭނެ އެންމެ މަތީ އެވޯޑުތައްވެސް ލިބިފައެވެ. އެގޮތުން 1994 ވަނަ އަހަރު އިރާގުގައި ސައްދާމް ހުސައިން އަވަހާރަކޮށްލުމަށް އެ ގައުމުގައި ކުރިއަށް ގެންދިޔަ ކެމްޕޭން ކަވަރުކުރުމުގެ ސަބަބުން ބަފްޓާ އެވޯޑް ލިބިފައިވެއެވެ. އަދި 1994 ވަނަ އަހަރު އެމްނެސްޓީ އިންޓަނޭޝަނަލް އިން ހޮވާ ޖާނަލިސްޓް އޮފް ދަ އިޔާ އެވޯޑްވެސް އޭނާއަށް ލިބިފައިވެއެވެ. އެ އަހަރު ޖޯޖް ވަނީ ބުރުންޑީގައި ކުރިޔަށްދިޔަ ދާހިލީ ހަނގުރާމައާއި ރުވާންޑާގައި ހިނގަމުންދިޔަ ގަތުލުއާއްމު ކަވަރުކޮށްފައެވެ.

ސްރީ ލަންކާއަށް އުފަން ޖޯޖް ބީބީސީގައި މަސައްކަތް ކުރަން ފަށާފައިވަނީ 1989 ވަނަ އަހަރުން ފެށިގެންނެވެ.