ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލްތައް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިއީ ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން ހިންގާ ކޮމިއުނިޓީ ފަންޑު ޕްރޮގްރާމަށް މި އަހަރު ހުޅުވާލި ދެވަނަ ފަހަރެވެ.
ބީއެމްއެލް އިން ބުނީ މިދިޔަ އަހަރެކޭވެސް އެއްފަދައިން މި އަހަރު ކޮމިއުނިޓީ ފަންޑުން ޖުމްލަ 20 މަޝްރޫއަކަށް މާލީ އެހީ ފޯރުކޮށްދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން މި އަހަރުގެ ކޮމިއުނިޓީ ފަންޑުގެ ފުރަތަމަ ބުރުގައި 10 މަޝްރޫއެއް ހޮވައި ކޮންމެ މަޝްރޫއަކަށް 50،000ރ ގެ އެހީ ފޯރުކޮށްދީފައިވާ ކަމަށާއި މި ބުރުގައިވެސް 10 މަޝްރޫއަކަށް އެހީ ފޯރުކޮށްދޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާ ޖަމިއްޔާތަކަށް ހުށަހެޅޭނެއެވެ. ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ތައުލީމާއި ކުޅިވަރާއި ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމާ ގުޅުވައިގެން ހުށަހަޅާ ޕްރޮޕޯސަލްތަކަށް ވާން ޖެހެއެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ އޮގަސްޓު 10 ވަނަ ދުވަހުގެ ރޭ 11:59އާ ހަމައަށެވެ. އެޕްލިކޭޝަން ފޯމާއި ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނީ އީމެއިލް، [email protected] މެދުވެރިކޮށެވެ.
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ފަންޑެކެވެ. މިހާތަނަށް އެ ފަންޑުގެ ދަށުން ވަނީ 90 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު