ބަންޑުން ޖަހާލި ބޯޓު މޮނިޓާކުރުމަށް އެދުމުން ގްރީސްއިން އެކަމަށް އަޅާލާފައި ނުވާ ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ބުނެފިއެވެ.

އީޔޫގެ ބޯޑާ އޮފިޝަލުން ބުނީ ގްރީސް ކައިރިއަށް ބަންޑުން ޖަހާލި ބޯޓަށް އެހީވުމަށާއި ބޯޓު މޮނިޓާކުރުމަށް ގްރީސްއަށް އެދުުމުން އެކަމަށް އިންކާރުކޮށްފައިވާ ކަމަށެވެ.

މިމަހުގެ 13 ވަނަ ދުވަހު އެ ބޯޓު ކަނޑުމަތިން ފުރަތަމަ ފެނިފައިވަނީ އީޔޫގެ ބޯޑާ އެޖެންސީގެ ފްރޮންޓެކްސް ފްލައިޓަކަށެވެ. ނަމަވެސް އެ ފްލައިޓު ތެޔޮ އެޅުމަށް ދަތުރުކުރަމުން ދިއުމާއެކު ކަނޑުމަތިން ފެނުނު ބޯޓަށް އެހީވުމަށް ގްރީސްގެ ކޯސްޓްގާޑުގައި އެދިފައިވާ ކަމަށާއި ނަމަވެސް އެކަމާ އަޅައިނުލި ކަމަށް ފްރޮންޓެކްސް އިން ބުނެފައިވާ ކަމަށް އީޔޫގެ ބޯޑާ އެޖެންސީން ބުނެއެވެ.

ގްރީސްގެ އައްސޭރިފަށާ 50 މޭލު ދުރުން ދަތުރުކުރި އެ ބޯޓަކީ ގަވާއިދާ ހިލާފަށް މީހުން އަރުވައިގެން ޔޫރަޕަށް ހިޖުރަ ކުރި ބޯޓެކެވެ.

އޮފިޝަލުން މައުލޫމާތުދޭ ގޮތުގައި ބޯޓުން ދަތުރުކުރި މީހުންގެ ސީދާ އަދަދު ޔަގީން ނުވި ނަމަވެސް، 750 އަށްވުރެ ގިނަ މީހުން ދަތުރުކުރިއެވެ. ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން 82 މީހަކު މަރުވެފައިވާ ކަަމަށް ގްރީސްގެ ކޯސްޓްގާޑުން ބުނެއެވެ.