މިދިޔަ މަހު ގްރީން ޓެކުހުން 83 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު އާއްމުކޮށްފައިވާ ގްރީން ފަންޑުގެ ރިޕޯޓުން ދައްކާ ގޮތުން މިދިޔަ މަހު ގްރީން ޓެކުހަށް 83 މިލިއަން ރުފިޔާ ލިބިފައިވާ އިރު، މަޝްރޫއުތަކަށް ކުރި ހަރަދު ވަނީ ބޮޑުތަނުން ދަށަށް ގޮސްފައެވެ. އެގޮތުން މިދިޔަ މަހު ގްރީން ފަންޑުން ހަރަދުކޮށްގެން ގޮނޑުދޮށް ހިމާޔަތްކުރުމާއި ފެނާއި ނަރުދަމާގެ މަޝްރޫއުތަކާއި ބަނދަރުގެ މަޝްރޫއުތައް ފަދަ މުހިންމު މަޝްރޫއުތައް ހިމެނޭހެން ޖުމުލަ 27 މަޝްރޫއަކަށް ހަރަދުކޮށްފައިވާ ކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
ނަމަވެސް މި މަޝްރޫއުތަކަށް އެ ފަންޑުން ހަރަދުކުރީ 7.4 މިލިއަން ރުފިޔާއެވެ. މިއީ ފާއިތުވި 24 މަސްދުވަސް ތެރޭ އެ ފަންޑުން މަޝްރޫއުތަކަށް ހަރަދުކުރި އެންމެ ދަށް އަދަދެވެ. އެގޮތުން މިދިޔަ އޭޕްރީލް މަހު ގްރީން ފަންޑަށް 94 މިލިއަން ރުފިޔާ ލިބުނު އިރު މަޝްރޫއުތަކަށް ހޭދަކޮށްފައިވަނީ 35 މިލިއަން ރުފިޔާއެވެ.
މެއި މަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރިސޯޓުތަކުން ގްރީން ޓެކުހަށް 74.6 މިލިއަން ރުފިޔާ ލިބިފައިވާ އިރު، ހޮޓާތަކުން 1.8 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ގެސްޓްހައުސްތަކުން 4.7 މިލިއަން ރުފިޔާ ލިބިފައިވާ އިރު، ސަފާރީތަކުން 2.5 މިލިއަން ރުފިޔާ އަދި ހޯމްސްޓޭ ތަކުން 1،287 ރުފިޔާ ލިބިފައިވެއެވެ.
މިދިޔަ މަހު އެންމެ ގިނަ އަދަދަކަށް ގްރީން ޓެކްސް ދައްކާފައި ވަނީ ކ. އަތޮޅުންނެވެ. އެގޮތުން މާލެއިން 1.2 މިލިއަން ރުފިޔާ ދައްކާފައިވާ އިރު، ރިސޯޓުތަކާއި އަތޮޅުގެ އެހެން ރަށްތަކުން 29.7 މިލިއަން ރުފިޔާ ދައްކާފައިވެއެވެ. މި ލިސްޓުގައި ދެން އެންމެ ކުރީގައި އުޅޭ ރ. އަތޮޅުން 8.2 މިލިއަން ދެއްކި އިރު، އދ. އަތޮޅުން 6.9 މިލިއަން ރުފިޔާ އަދި އއ. އަތޮޅުން 5.9 މިލިއަން ރުފިޔާ ވަނީ ދައްކައިފައެވެ.
މެއި މަހު ގްރީން ފަންޑުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މާލޭގެ ތިމާވެއްޓާ ގުޅުންހުރި ކަންތައްތަކަށާއި ކުނި މެނޭޖުކުރުމުގެ ކަންތައްތަކަށެވެ. އެއީ 3.2 މިލިއަން ރުފިޔާއެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން މާޗްގެ ނިޔަލަށް ގްރީން ފަންޑުގައި ބާކީ ހުރީ 988 މިލިއަން ރުފިޔާއެވެ.
ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ. ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ހަ ޑޮލަރެވެ. އަދި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ތިން ޑޮލަރެވެ.
ޚަބަރު
ޚަބަރު
ޚަބަރު