އިންޑިގޯ އިން 500 މަތިންދާ ބޯޓު ގަތުމަށް އޯޑަރު ޖަހައިފިއެވެ.

މިއީ މިހާތަނަށް ދުނިޔޭގެ އޭވިއޭޝަން އިންޑަސްޓްރީގައި އެއާލައިނަކުން އެއްފަހަރާ އެހާ ގިނަ ފްލައިޓު ގަތުމަށް އޯޑަރުކުރި ފަހަރެވެ.

އިންޑިގޯ އިން އެއާބަސް އޭ320 މަރުކާގެ 500 މަތިންދާބޯޓު ގަތުމަށް އޯޑަރު ޖަހާފައިވަނީ ޕެރިސް އެއާ ޝޯގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އިންޑިގޯއިން މީގެ ކުރިން ކޮށްފައިވާ އޯޑަރުތަކާއެކު އެ އެއާލައިނުން އެއާބަސް މެދުވެރިކޮށް އޯޑަރުކުރި އެއާބަސް އޭ320 މަރުކާގެ ފްލައިޓުގެ އަދަދު މިވަނީ 830 އަށް އަރާފައެވެ.

ޕެރިސް އެއާ ޝޯގައި އިންޑިގޯގެ އިތުރުން އެއާ މޮރިޝަސް އިން ވެސް ވަނީ އޭ320 މަރުކާގެ ހަތް ބޯޓު ހޯދުމަށް އޯޑަރު ޖަހާފައެވެ. މީގެ އިތުރުން ސައުދީ އެއާލައިނުން ވެސް ވަނީ 30 ބޯޓުގެ އޯޑަރެއް ކޮށްފައެވެ. ސައުދީ އެއާލައިނުން ކުރި 30 ބޯޓުގެ އޯޑަރުގައި ހިމެނެނީ އޭ320 ނިއޯގެ މަރުކާގެ ބޯޓުތަކެވެ. އޭގެތެރޭގައި އޭ321 އެކްއެލްއާރްއެސްގެ 10 ބޯޓު ހިމެނެއެވެ.