ހިއުމަން ޓްރެފިކިން ނުވަތަ އިންސާނީ ވަގުފާރި ނައްތާލުމުގެ އެންމެ ކުޑަ މިންގަނޑަށް އަދިވެސް ދިވެހިރާއްޖެ ފުރިހަމައަށް ނުފެތޭ ކަމަށާއި ނަމަވެސް އެކަން ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ޓްރެފިކިން އިން ޕާސަންސް (ޓިޕް) ރިޕޯޓުގައި ބުނެފިއެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ކޮންމެ އަހަރަކު ނެރޭ ޓިޕް ރިޕޯޓުގައި މިއަހަރުވެސް ރާއްޖެއަށް ލިބިފައިވަނީ ޓިއާ 2 އެވެ. 2017 ވަނަ އަހަރުން ފެށިގެން ޓިޕްގެ ވޮޗްލިސްޓުގައި އޮތުމަށްފަހު ޓިއާ 2 އަށް ރާއްޖެ ފުރަތަމަ ޕްރޮމޯޓުވީ 2021 ވަނަ އަހަރުއެވެ.
އޭގެ ފަހުން ދެ އަހަރު ފާއިތުވެފައިވާ އިރު، މިމަހުގެ 15 ވަނަ ދުވަހު ނެރުނު މިއަހަރުގެ ޓިޕް ރިޕޯޓުގައި ބުނެފައިވާ ގޮތުން ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ޓްރެފިކިން ހުއްޓުވުމުގެ ގާބިލުކަމަށް ކުރާ ނޭދެވޭ އަސަރުތަކަށް ރިއާޔަތްކޮށް ކުރީގެ ރިޕޯޓިން މުއްދަތާ އަޅައިބަލާ އިރު، ސަރުކާރުން ވަނީ އިތުރު މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓްރެފިކް ކުރާ މީހުންގެ މައްޗަށް ކުށް ސާބިތުކުރުމާއި ރެކްރޫޓްމަންޓް އެޖެންސީތަކުން ބިދޭސީ މަސައްކަތްތެރިން ވަޒީފާ އަދާކުރުމާ ގުޅޭ ތަމްރީނުތައް ހަދަން ޖެހޭ ގޮތަށް ސަރުކާރުން އެކުލަވާލާފައިވާ ގަވާއިދު ވަނީ ފާހަގަކޮށްފައެވެ.
ނަމަވެސް ޓިޕް ރިޕޯޓުގައި ބުނީ އިންސާނީ ވަގުފާރި ނައްތާލުމުގެ މުހިންމު ބައެއް ދާއިރާތަކުން އެންމެ ދަށް މިންގަނޑަށް ރާއްޖެ އަދިވެސް ނުފެތޭ ކަމަށެވެ.
އެގޮތުން ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންގެ މެދުގައި ލޭބާ ޓްރެފިކިންގެ މައްސަލަ ފެތުރިފައިވީ ނަމަވެސް، ޓްރެފިކިންގެ ކުށްތައް ސަރުކާރުން ހަރުދަނާގޮތެއްގައި ތަހުގީގު ނުކުރާ ކަމަށާއި ލޭބާ ޓްރެފިކިންގެ ޝިކާރައަކަށްވެފައިވާ އެއްވެސް ފަރާތެއް ދެނެގަނެވިފައެއް ނުވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އޭގެ އިތުރުން އިންސާނީ ވަގުފާރީގެ ޖަރީމާތަކުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ސަރުކާރުގެ ވެރިން ޖަވާބުދާރީ ނުކުރާ ކަމަށާއި ވިކްޓިމް އައިޑެންޓިފިކޭޝަން އެންޑް ޕްރޮޓެކްޝަންގެ މަސައްކަތްތައް ބަލިކަށިވެ، އަނިޔާ ލިބުނު ފަރާތްތައް ފަރުވާއަށް ފޮނުވުމަށް ރަސްމީ ސްޓެންޑަޑް އޮޕަރޭޝަން ޕްރޮސީޖާއެއް ގާއިމުކޮށްފައި ނުވާ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި ބިދޭސީ މަސައްކަތްތެރިންގެ މެދުގައި ޓްރެފިކިންގެ މައްސަލަތައް ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކްރީން ކޮށްފައި ނުވާ ކަމަށާއި ޓްރެފިކިންގެ ޝިކާރައަކަށްވެފައިވާ މީހުންނަށް ބޯހިޔާވަހިކަން ސަރުކާރުން ދީފައިނުވާ ކަމަށްވެސް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ.
- ޓްރެފިކިންގެ ކުށްތަކާ ގުޅޭގޮތުން ކުރާ ތަހުގީގުތައް ގިނަކޮށް ކުށްކުރާ ފަރާތްތަކަށް ކުރާ ދައުވާތައް އިތުރުކުރުން. އަދި ކުށް ސާބިތުވާ މީހުންނަށް އެކަށީގެންވާ އަދަބު ދިނުން. އޭގެ ތެރޭގައި ބޮޑެތި ޖަލު ހުކުމްތައްވެސް ހިމެނުން.
- ވިކްޓިމް އައިޑެންޓިފިކޭޝަން އެސްއޯޕީގެ ބޭނުން ހިފައިގެން ބިދޭސީ މަސައްކަތްތެރިންނާއި ލިޔެކިޔުން ނެތް ބިދޭސީން ހިމެނޭގޮތަށް ޓްރެފިކިންގެ ޝިކާރައަކަށްވާ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް އިތުރުކުރުން.
- ޓްރެފިކިންގެ ކުށްތައް ތަހުގީގުކުރުމާއި، ޓްރެފިކިން ހުއްޓުވުމުގެ ގާނޫނަށް ގެނައި އިސްލާހު ތަންފީޒުކުރުމާއި، ސަރުކާރުގެ ވިކްޓިމް އައިޑެންޓިފިކޭޝަން އެސްއޯޕީ ބޭނުންކުރުމާ ބެހޭގޮތުން ގާނޫނު ތަންފީޒުކުރާ ފަރާތްތަކާއި ފަނޑިޔާރުންނާއި ލޭބާ އިންސްޕެކްޓަރުންނާއި އިމިގްރޭޝަންގެ އޮފިޝަލުން ހިމެނޭގޮތަށް ފްރޮންޓްލައިން އޮފިޝަލުންނަށް ތަމްރީނު ދިނުން އިތުރުކުރުން.
- ވިކްޓިމް ރެފަރަލްސް އަދި ސަޕޯޓް ސާވިސަސްގެ ކަންތައް ކުރިއަށްގެންދާނެ ޕްރޮސީޖާ ފައިނަލްކޮށް، ރަސްމީކޮށް އެކަން ފަށައި ދެމެހެއްޓެނިވި ގޮތެއްގައި ތަންފީޒުކުރުން.
- ލޭބާ ރެކްރޫޓްމަންޓް އެޖެންސީތަކާއި ވަޒީފާ ދޭ ފަރާތްތަކުގެ ކަންކަން ބެލެހެއްޓުން ވަރަށް ބޮޑަށް އިތުރުކޮށް، މުސާރަ ނުދިނުމާއި ޕާސްޕޯޓް ހިފެހެއްޓުން ފަދަ ޓްރެފިކިންގެ މައްސަލަތައް ޖިނާއީ ތަހުގީގަށް ފުލުހުންނަށް ފޮނުވުން.
- ބިދޭސީ މަސައްކަތްތެރިންގެ މަސައްކަތްތެރިންގެ ހާލަތު ރަނގަޅުކުރުމަށްޓަކައި އެމްއޯޔޫ އާއި އެހެނިހެން ފިޔަވަޅުތައް މެދުވެރިކޮށް، ބިދޭސީން ގެންނަ ގައުމުތަކުގެ ސަރުކާރުތަކާއެކު އެއްބާރުލުން އިތުރުކުރުން.
- އިންސާނީ ވަގުފާރިއަށް ރިސޯޓުތަކާއި ގެސްޓް ހައުސްތައް މޮނިޓާ ކުރުމަށް ބޭނުންވާ ވަސީލަތްތައް ކަނޑައެޅުން.
- އަނިޔާ ލިބޭ މީހުންނަށް ބޭސްފަރުވާ އާއި ސައިކޯ ސޯޝަލް ސަޕޯޓް ފަދަ ހިޔާވަހިކަމުގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، އަނިޔާ ލިބޭ ދިވެހިންނާއި ބޭރުގެ ފަރާތްތަކަށް ވެސް ހިދުމަތް ފޯރުކޮށްދިނުން.
- ބިދޭސީ މަސައްކަތްތެރިންނަށް އެކަށީގެންވާ ބަހުރުވަތަކުން އެންޓި ޓްރެފިކިންއާ ގުޅޭ މައުލޫމާތު ލިބެން ހުންނަކަން ކަށަވަރުކުރުމާއި، ޓްރެފިކިންގެ ޝިކާރައަކަށްވާ ފަރާތްތަކަށް އެކަށީގެންވާ ތަރުޖަމާގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުން.
- ޓްރެފިކިންއާ ގުޅުންހުރި ކުށްތަކުގައި ސަރުކާރުގެ އޮފިޝަލުން ބައިވެރިވާ ކަމަށް ކުރެވޭ ތުހުމަތުތައް ތަހުގީގުކޮށް، ވަޒީފާ ދިނުމާއި އިމާރާތްކުރުމުގެ ދާއިރާ ފަދަ ކަންކަމުގައި އޮފިޝަލުން ބައިވެރިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތައް ތަހުގީގުކޮށް، އެ އޮފިޝަލުން ޖިނާއީ ގޮތުން ޖަވާބުދާރީ ކުރުވުން.
ޓިޕް ރިޕޯޓުގައި ބުނެފައިވާ ގޮތުން ފާއިތުވި ފަސް އަހަރުގެ ތެރޭގައި އިންސާނީ ވަގުފާރި ކުރާ ފަރާތްތަކުން ދިވެހިންނާއި ބޭރުގެ ފަރާތްތަކުގެ ނާޖާއިޒު ފައިދާ ވަނީ ނަގައިފައެވެ. ހާއްސަކޮށް ބަންގުލަދޭޝް، އިންޑިއާ، ސްރީލަންކާ އަދި ތައިލޭންޑުން ރާއްޖެ ގެންނަ ބިދޭސީންނަކީ ލޭބާ އަދި ޖިންސީ ވަގުފާރީގެ ޝިކާރައަކަށްވެފައިވާ މީހުން ކަމަށާއި ވަގުފާރިއާ ގުޅުންހުރި މައްސަލަތަކަށް ރާއްޖެއިން އެންމެ އާއްމުކޮށް ފާހަގަކުރެވެނީ ބިދޭސީންގެ ޕާސްޕޯޓް ހިފެހެއްޓުމާއި މަސައްކަތްތެރިންނަށް މުސާރަ ނުދިނުން ކަމަށްވެސް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ފަގީރު ބައެއް މައިންބަފައިން މާލީ އެހީގެ ބަދަލުގައި ދަރިންގެ ނާޖާއިޒު ފައިދާ ހޯދުމަށް ޖިންސީ ވަގުފާރި ކުރާ މީހުންނަށް މަގުފަހިކޮށްދޭ ކަމަށާއި ވަގުފާރިކުރާ ބައެއް ފަރާތްތަކުން ދެކުނު އޭޝިއާގެ އަންހެނުން ފަތުރުވެރިކަމުގެ ނަމުގައި ނުވަތަ މަސާޖް ތެރަޕިސްޓުންގެ ގޮތުގައި ވަޒީފާ ދޭނެ ކަމަށްބުނެ ރާއްޖެ ގެނެސް ޖިންސީ ވަގުފާރީގެ ތެރެއަށް މަޖުބޫރުން ވައްދައެވެ.
ވަކިން ހާއްސަކޮށް ޓޫރިސްޓް ވިސާގައި ބަންގުލަދޭޝް އަންހެނުން ރާއްޖެ ގެނައުމާއި ޖިންސީ ވަގުފާރީގައި އެ މީހުން ނާޖާއިޒު ފައިދާ ނަގަމުންދާ މިންވަރު އިތުރުވެފައިވާ ކަމަށާއި ވަޒީފާދޭ ބައެއް ފަރާތްތަކުން އަތޮޅުތެރޭގެ ރަށްރަށުން ދިވެހި ކުދިން މާލެ ގެންގޮސް، ޖިންސީ ގޯނާކުރާ އިރު، އަނެއްބައި ކުދިންނަކީ ލޭބާ ޓްރެފިކިންގެ ޝިކާރައަކަށްވެފައިވާ ކުދިން ކަމަށްވެސް ރިޕޯޓުގައި ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު