ކުޅެން ގެންގުޅުނު ބޮން ގޮވައި ސޯމާލިއާގައި 20 މީހަކު މަރުވެއްޖެއެވެ.

ސޯމާލިއާގެ ލޯވަރ ޝަބޭލް ރީޖަންގައި ކުޅެން ގެންގުޅުނު ބޮން ގޮވައި ގިނަ ބަޔަކު މަރުވެފައިވާއިރު ގިނައީ ކުޑަކުދިން ކަމަށްވެސް އެގައުމުގެ އޮފިޝަލުން ބުނެއެވެ.

ބޮން ގޮވި ހާދިސާގައި މަރުވި ކުޑަކުދިންނަކީ އުމުރުން 10 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންކަމަށް އެގައުމުގެ އޮފިޝަލުން ބުނެއެވެ.

އޮފިޝަލުން އާންމުކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި އެ ބޮމަކީ މީގެ ކުރިން ނައްތާލާފައިވާ ބޮމެކެވެ. އެއީ ނުރައްކާ އެއްޗެއް ނޫންކަމަށް ކަނޑައަޅައި ދޫކޮށްލާފައިވާ ބޮމެކެވެ. ނަމަވެސް އެބޮން އޮތް ސަރަހައްދަކީ ކުޑަކުދިން ކުޅެން އުޅޭ ސަރަހައްދެކެވެ.

މިހާދިސާގައި 50 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާ ވެފައިވާއިރު މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވާނެކަމަށް ބެލެވޭކަމަށް ސޯމާލިއާގެ އޮފިޝަލުން ބުނެފައިވެއެވެ.

ބައެއް ރިޕޯޓުތަކުން ބުނާގޮތުން އެ ބޮން އޮތީ ބިމުއަޑީގައި ފޮރުވިފައެވެ. ވާރޭވެހުމުގެ ސަބަބުން އެ ބޮން ވެލި މައްޗަށް އަރައި މީހުންނަށް ފެނި އެއާ ކުޅެން ފެށީއެވެ.