ސޫދާނުގެ އަސްކަރިއްޔާގެ ދެގޮފި ކަމަށްވާ ސިފައިންނާއި ރެޕިޑް ސަޕޯޓް ފޯސް، އާރްއެސްއެފްގެ ފައުޖުތަކާ ދެމެދު ހަމަލާތައް ފެށި ދާޚިލީ ހަނގުރާމައެއްގެ ތެރެއަށް ގައުމު ގެނބިގެންދިޔަ ފުރަތަމަ ދުވަހު އަސްކަރިއްޔާގެ ވެރިޔާ އަދި ގައުމުގެވެސް ވެރިޔާ ޖެނެރަލް އަބްދުލްފައްތާހު އަލްބުރުހާނު ސަލާމަތްވެވަޑައިގަތީ ހަމަ ކިރިޔާކަމަށް މަންޒަރުދުށް މީހުންނާ ހަވާލާދީ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.
ހަނގުރާމަ ފެށުނީ ވެރިރަށް ޚަރުތޫމުގައި ހުންނަ ސިފައިންގެ ހެޑްކުއާޓަރަށް އާރްއެސްއެފްގެ ލަޝްކަރުން ހަމަލާދިނުމުންނެވެ. އާރްއެސްއެފްގެ މީހުން އެންމެ ފުރަތަމަ އުޅުނީ ޖެނެރަލް ބުރުހާނު ދިރިއުޅުއްވާ ބަޔަށް ވަދެ އޭނާ އަވަހާރަކޮށްލުމަށެވެ. އާރްއެސްއެފްގެ ހަމަލާތަކަށް އެންމެ ފުރަތަމަ ރައްދު ދެއްވީވެސް ޖެނެރަލް ބުރުހާނު ކަމަށާއި އޭކޭ-47 ގެ ބަޑިއެއް ނަންގަވައި އޭގައިހުރި ވަޒަންތައް ހުސްވަންދެން ޖެނެރަލް ބުރުހާނު ހަނގުރާމަ ކުރެއްވި ކަމަށް އޭނާގެ ހަށިފާރަވެރިންގެ ތެރެއިން މީހަކާ ހަވާލާދީ ރޮއިޓަރސްއިން ރިޕޯޓްކޮށްފައިވެއެވެ.
ޖެނެރަލް ބުރުހާނުގެ ހަށިފާރަވެރިންނަށް އޭނާ ސަލާމަތްކޮށްގެން ރައްކާތެރި ތަނަކަށް ގެންދެވުނީ އެމީހުންގެ ތެރެއިން ތިރީސް މީހަކު މަރުވީފަހުންނެވެ. އަދި އާރްއެސްއެފްގެ ފައުޖުގެ ތެރެއިންވެސް ދިހަބާރަ މީހުން މަރުވީފަހުންނެވެ. ޖެނެރަލް ބުރުހާނު އަތުލައިނުގަނެވުނުކަން ޔަގީންވީމާ އާރްއެސްއެފްގެ ފައުޖުގެ މީހުން ސިފައިންގެ ހެޑްކުއާޓަރު ދޫކޮށް ދިޔައީއެވެ. މިއީ ކުރިން ނޫސްތަކުން ރިޕޯޓުކުރި ވާހަކައެއް ނޫނެވެ. ހަނގުރާމައިގެ ދެފަރާތުގައި ތިބި މީހުންގެ ތެރެއިން މަންޒަރުދުށް މީހުންކުރެން އަހައިގެން މިވާހަކަ އެންމެ ފުރަތަމަ ރިޕޯޓުކުރީވެސް ރޮއިޓަރސްއިންނެވެ.
އާރްއެސްއެފްގެ ވެރިޔަކީ ޖެނެރަލް ހަމީދުތީއެވެ. އޭނާގެ ރޭވުމުގައި އޮތީ ޖެނެރަލް ބުރުހާނު ވީހާވެސް އަވަހަށް އަވަހާރަކޮށްލައި ސިފައިންގެ ހެޑްކުއާޓަރު ހިފައި ގައުމުގެ ވެރިކަން ހޯދުމެވެ. ސިފައިންގެ ހެޑްކުއާޓަރުގެ ތެރެއަށް ވަދެގަތީ މި ބޭނުމުގައެވެ. ޖެނެރަލް ބުރުހާނު ސަލާމަތްވެވަޑައިގަތުމުގެ ނަތީޖާއެއްގެ ގޮތުން ހަމީދުތީގެ ރޭވުން ނާކާމިޔާބުވެ ދާޚިލީ ހަނގުރާމަ ދިގުދެމިގެންދާން މެދުވެރިވީކަމަށް ތަޖުރިބާކާރުން ބުނެއެވެ. މިހަނގުރާމައަށް މިހާރު އެއްމަސް ވަނީ ފުރިފައެވެ. އެތައްހާސް ބަޔަކު ވަނީ މަރުވެފައެވެ.