ރީޖަނަލް އެއާޕޯޓްސް ކޮންޕެނީ (އާރްއޭސީއެލް)އިން ހިންގަމުން އަންނަ ހދ.ކުޅުދުއްފުށީ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމުގެ ކުރިން ބާއްވަންޖެހޭ ޓެސްޓް ފްލައިޓް ބާއްވައިފިއެވެ.
އާރްއޭސީއެލް އިން މައުލޫމާތު ދޭ ގޮތުގައި ކުޅުދުއްފުށީ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމަށް ތައްޔާރުވުމުގެ ގޮތުން ނައިޓްލޭންޑިން ސިސްޓަމް ގާއިމުކޮށް ރޭގަނޑު ދަތުރުތައް ފެށުމުގެ ކުރިން ބާއްވަން ޖެހޭ ޓެސްޓް ފްލައިޓް އިއްޔެ ވަނީ ބާއްވާފަ އެވެ.
އާރްއޭސީއެލް އިން ބުނީ ނައިޓްލޭންޑިންގެ ހިދުމަތާއެކު ކުޅުދުއްފުށި އެއާޕޯޓުން ދޭ ހިދުމަތްތައް 24 ގަޑިއިރަށް ބަދަލުވެގެން ދާނެ ކަމަށާއި މިއީ އެ އެއާޕޯޓުން ދޭ ހިދުމަތްތައް އިތުރު ހަރުފަތަކަށް ގެނައުމަށް ކުރެވިގެންދިޔަ ވަރަށް ބޮޑު މަސައްކަތެއް ކަމަށެވެ. މިކަމުގެ ސަބަބުން ކުޅުދުއްފުއްޓާއި ކައިރީގަވާ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބި ރޭގަނޑު ވައިގެމަގުން ދަތުރު ކުރުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް އާރްއޭސީއެލް އިން ބުންޏެވެ.
އޭގެ އިތުރުން ރައްޔިތުންނަށް ލިބޭ އެންމެބޮޑު ހިއްހަމަޖެހުމަކަށް ވެގެންދާނީ ކުއްލި ހާލަތްތަކުގައި ބަލިމީހުން ރޭގަނޑު ވައިގެ މަގުން އުފުލުމަށް އޮތް ހުރަހަށް ނިމުމެއް އައުން ކަމަށާއި މި ހިދުމަތާއެކު ވިޔަފާރިތަކަށާއ،ި ގެސްޓްހައުސް އަދި ރިސޯޓުތައް ހިންގާ ފަރާތްތަކަށް އިތުރު މަންފާތަކެއް ލިބިގެންދާނެކަމަށް ވެސް އާރްއޭސީއެލް އިން ބުންޏެވެ.
ކުޅުދުއްފުށީ އެއާޕޯޓާއެކު އާރްއޭސީއެލްއިން ހިންގަމުން އަންނަ ހަ އެއާޕޯޓްގެ ތެރެއިން ހަތަރު އެއާޕޯޓަށް މިހާރު ރޭގަނޑު ދަތުރުތައް ކުރެވެއެވެ. އެއީ ފަރެސްމާތޮޑާ އެއާޕޯޓު، ފުވައްމުލައް އެއާޕޯޓު، އަދި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓެވެ.
ހއ. ހޯރަފުށި އަދި ގދ.މާވަރުލު އެއާޕޯޓްގައިވެސް ރޭގަނޑު ދަތުރުކުރެވޭ ގޮތަށް ނައިޓް ލޭންޑިން ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރީޖަނަލް އެއާޕޯޓްސްއިން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު