ފަތުރުވެރިކަމާއި ހޮސްޕިޓާލިޓީ ދާއިރާގައި ދެކުނު އޭޝިއާ ސަރަހައްދުގައި ދޭ އެންމެ ޝަރަފުވެރި އެވޯޑް، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) 2023 ގެ އެވޯޑަށް ވޯޓު ލުމަށް ހުޅުވާލައިފިއެވެ.

ސަޓާއިން މިއަދު ބުނީ ވޯޓުލުން ކުރިއަށްދާނީ އޮންލައިންކޮށް ކަމަށެވެ. ސަޓާއިން ބުނީ މިއަހަރުގެ އެވޯޑަށް 500 ޕްރޮޕަޓީއެއް ނޮމިނޭޓްވެފައިވާ ކަމަށާއި ވޯޓުލުން ހުޅުވާލާފައިވަނީ މިއަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

ސަޓާ 2023 ގެ އެވޯޑަށް http://southasiantravelawards.com/vote މެދުވެރިކޮށް ވޯޓުލެވެން ހުންނާނެ ކަމަށާއި އެވޯޑު ދިނުމުގެ ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޫބަރުމަހުގައި ކަމަށް ސަޓާއިން ބުންޏެވެ.

ސަރަހައްދީ ޓޫރިޒަމް އަދި ހޮސްޕިޓާލިޓީ ދާއިރާގެ ކުރިއެރުމަށް ސަޓާއިން ކުރަމުން އަންނަ މަސައްކަތުގެ އަގުވަޒަންކޮށް 15 އަށްވުރެ ގިނަ ބައިނަލްއަގުވާމީ އަދި ސަރުކާރުގެ އިދާރާތަކުން ސަޓާ އެވޯޑްސް ވަނީ އެންޑޯސްކޮށްފައެވެ.

ސަޓާ އެވޯޑްސް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރު ސްރީލަންކާގެ ކޮލަމްބޯގަ އެވެ. މިއީ ސާޓާ އެވޯޑްސް ބާއްވާ ހަތް ވަނަ އަހަރެވެ.