މުސާރަނުދޭތީ ރުޅިއައިސްގެން ޔޫގެންޑާގެ ލޭބަރ މިނިސްޓަރު ޗާލްސް އެންގޯލާގެ ހަށިކޮޅަށް އޭނާގެ ހަށިފާރަވެރިންގެ ތެރެއިން މީހަކު ބަޑިޖަހައި އަވަހާރަކޮށްލައިފިއެވެ. ޔޫގެންޑާގެ ވެރިރަށް ކަމްޕާލާގައި މި ހާދިސާ ހިނގީ މިހަފުތާގެ އަންގާރަދުވަހުއެވެ.
މިނިސްޓަރު އަވަހާރަކޮށްލި ހަށިފާރަވެރިޔަކީ ކުރިން ސިފައިންގެ ތެރޭގައި އުޅުނު މީހެކެވެ. މިނިސްޓަރު އަވަހާރަކޮށްލުމަށްފަހު ފިލައިގެންގޮސް ބޯކޮށާ ތަނަކަށްވަދެ އޭނާވަނީ އަމިއްލަ ބޮލަށް ބަޑިޖަހައިގެން އަމިއްލައަށް މަރުވެފައެވެ. އަމިއްލައަށް މަރުވުމުގެ ކުރިން އޭނާ ވަނީ މިނިސްޓަރު އަވަހާރަކޮށްލި ސަބަބު ކިޔައިދީފައެވެ. އޭނާ ބުނީ މުސާރަނުދޭތާ އެތަކެއް މަސްދުވަސް ފާއިތުވެފައިވާ ކަމުގައެވެ.
މިނިސްޓަރުގެ ދަރިން ސްކޫލަށްދާއިރު އޭނާގެ ދަރިންތިބީ ޚަރަދު ކުރެވޭނޭގޮތެއް ނެތި ސްކޫލަށް ނުގޮސް ގޭގައި ކަމަށާއި އަނބިމީހާ އިނީ އަނެއްކާވެސް ވިހަން ކައިރިވެފައި ކަމަށް ބުންޏެވެ. ފައިސާ ބޭނުންވެގެން މިނިސްޓަރުގެ އަރިހުގައި އާދޭސް ދަންނަވާތާ އެތަކެއް ދުވަސްވިއިރު ލޯލާރިއެއްހައި މިންވަރުވެސް ނުދެއްވި ކަމަށާއި މުސާރައިގެ ގޮތުގައި އެއްހާސް ޑޮލަރަށްވުރެ ގިނަ ފައިސާ އޭނާއަށް ލިބެންޖެހޭ ކަމަށްވެސް ބުނެފައިވެއެވެ.
ޔޫގެންޑާގެ ލޭބަރ އެންޑް އެމްޕްލޯއިމަންޓް މިނިސްޓަރުގެ ހަށިފާރަވެރިޔަކު އޭނާގެ ހަށިކޮޅަށް ބަޑިޖަހައި އަވަހާރަކޮށްލިކަން އެގައުމުގެ ފުލުހުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ. މިކަން ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަހުގީގެއް ފަށާފައިވާ ކަމަށްވެސް ބުނެއެވެ. އަވަހާރަވި މިނިސްޓަރުގެ އާއިލާއަށް ޔޫގެންޑާގެ ރައީސް މުސެވީނީ އާއި އޭނާގެ ވަޒީރުން ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ