ކައްދޫ އެއާޕޯޓް ކޮމްޕެނީ ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި ޗެއާމަންގެ މަގާމަށް ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) ޒަކަރިއްޔާ މަންސޫރު އައްޔަންކުރައްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޒަކަރިއްޔާ އެ މަގާމަށް އައްޔަންކުރީ އިއްޔެ ކަމަށެވެ.

ކައްދޫ އެއާޕޯޓް ކޮމްޕެނީ އަލަށް އުފެއްދިއިރު ޒަކަރިއްޔާ ވަނީ ބޯޑު މެންބަރުގެ މަގާމާއި މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރައްވައިފައި ކަމަށް ޕީސީބީން ބުންޏެވެ.

ޒަކަރިއްޔާ ވަނީ މާސްޓް އޮފް އާޓްސް އިން ސްޓެރެޖެޓިކް ސެކިއުރެޓީ ސްޓަޑީސް ހާސިލުކުރައްވާފައިވާ ކަމަށާއި އަދި އޭނާ ވަނީ މިލިޓަރީގެ ތަފާތު ގިނަ ދާއިރާއިންނާއި ކައުންޓާ ޓެރަރިޒަމް ދާއިރާއިން ތަމްރީނު ޕްރޮގްރާމްތައް ފުރިހަމަކުރައްވާފައިކަމަށް ޕީސީބީން ބުންޏެވެ.

އެމްއެންޑީއެފުގައި 39 އަހަރު ވަންދެން ޒަކަރިއްޔާ މަސައްކަތް ކުރައްވާފައިވާ ކަމަށާއި އޭނާ ވަނީ އެމްއެންޑީއެފުގެ ލީޑާޝިޕުގެ މަގާމުތަށްވެސް ފުރުއްވާފައިކަމަށް ޕީސީބީން ބުންޏެވެ. އޭނާ މިހާރު އަދާކުރައްވަމުން ގެންދަވަނީ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑައިރެކްޓާ ޖެނެރަލްގެ މަގާމެވެ.