އިއްޔެ މާލޭގައި ފެށި މޯލްޑިވްސް އޯޕަން 10 ބޯލް ބިލިއާޑް މުބާރާތުގެ ގަދަ 32 ކުޅުންތެރިންގެ ނޮކްއައުޓް ބުރަށް ރާއްޖޭގެ އެއް ނަންބަރު ކުޅުންތެރިޔާ ހަސަން ޝާޒް މުހައްމަދު ދަތުރުކޮށްފިއެވެ.

އެ ކާމިޔާބީއާއެކު ޝާޒް ވެފައި ވަނީ ވޯލްޑް ޕޫލް-ބިލިއާޑް އެސޯސިއޭޝަންގެ ރޭންކިން މުބާރާތެއްގެ ނޮކްއައުޓް ބުރުން ޖާގަ ހޯދި ފުރަތަމަ ދިވެހި އެތުލީޓަށެވެ.

ޑަބަލް އެލިމިނޭޝަން އުސޫލުން ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށްދާ އިރު، ޝާޒް ގަދަ 32 ޔަގީން ކުރީ މިރޭ ކުޅުނު ޕްލޭ އޮފް މެޗުގައި ބަންގްލަދޭޝްގެ ނިޒާމުއްދީން ބަލިކޮށްފައެވެ. ޝާޒް މިރޭގެ މެޗުން މޮޅުވީ 7-6 ފްރޭމުންނެވެ.

ނިޒާމުއްދީން އާއި ޝާޒް ވަނީ މިއަދު މެންދުރު ގްރޫޕް ކޭގެ ފުރަތަމަ މެޗުގައި ކުޅެފައެވެ. އެ މެޗުން ޝާޒް 4-7 އިން ބަލިވި ނަމަވެސް ޖެހިގެން އައި މެޗުގައި އިންޑިއާގެ ރަޔާން ރަމްޒީ 7-4 އިން ބަލިކޮށް ޝާޒް ގަދަ 32ގެ އުއްމީދު ދެމެހެއްޓިއެވެ.

މިރޭ ގަދަ 32 ޕްލޭއޮފްގައި ރާއްޖޭގެ އިސްމާއިލް ޖީހާންވެސް ވާދަކުރިއެވެ. މެލޭޝިއާގެ ތަރި ޑެރެލް ޗިއާ އަތުން ޖީހާން ބަލިވީ 4-7 އިންނެވެ.

މޯލްޑިވްސް އޯޕަން 10-ބޯލް ބިލިއާޑް ޗެމްޕިއަންޝިޕްގެ ނޮކްއައުޓް ބުރުގެ މެޗުތައް ކުޅޭނީ މާދަމާއެވެ. މާދަމާ މެންދުރު ކުޅޭނީ ގަދަ 32 ގެ މެޗުތަކެވެ. އޭގެ ފަހުން ގަދަ 16 މެޗުތައް ވެސް މާދަމާ ކުޅޭނެއެވެ.