މަންޓާ އެއާއިން އިތުރު އާ ސީ ޕްލޭނެއް ގެނެސްފިއެވެ.

މަންޓާ އެއާއިން އިއްޔެ ކުރި ޓުވީޓެއްގައި ބުނީ އާ ސީ ޕްލޭން ރާއްޖެ ގެނެސްފައި ވަނީ އިއްޔެ ހަވީރު ކަމަށެވެ.

މަންޓާގެ އާ ސީ ޕްލޭނަކީ މިދިޔަ އާދިއްތަ ދުވަހު އެމެރިކާއިން ފުރައިގެން ރާއްޖެ އައި ބޯޓެކެވެ. އެ ބޯޓު ރާއްޖެ އައިސްފައިވަނީ އިއްޔެ ހަވީރު 5:37 އެހާކަންހާއިރު ކަމަށެވެ.

މަންޓާއިން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 13 ވަނަ ދުވަހު 12 ބޯޓެއް ހޯދަން އިއުލާންކޮށްފައެވެ. މަންޓާއިން ބުނެފައިވަނީ އެ ކުންފުނިން ބޭނުންވަނީ ޑީއެޗްސީ ޓުވިން އޮޓޯ މަރުކާގެ 12 ބޯޓު ކަމަށެވެ.

މަންޓާ އެއާގެ ފްލީޓު ބޮޑުކުރުމާ ގުޅޭގޮތުން އެ އެއާލައިންގެ މާކެޓިން އެންޑް ކޮމިއުނިކޭޝަން މެނޭޖަރު މުބީން ޖަލީލު "ވަން" އަށް އެ ދުވަހު ވިދާޅުވެފައިވަނީ މަންޓާގެ ނެޓްވޯކް އިތުރަށް ފުޅާކުރުމަކީ ކުންފުނިން އަބަދުވެސް ގެންގުޅޭ ޕްލޭނެއް ކަމަށާއި މަގުސަދަކީ ޕަސިންޖަރުންނަށް ހިދުމަތް ދިނުމަށް ބޭނުންވާ ގާބިިލުކަން ތަރައްގީކޮށް ރާއްޖޭގެ އިތުރު ހިސާބުތަކަށް އެއާލައިންގެ ނެޓްވޯކް ފުޅާކުރުން ކަމަށެވެ.

އެގޮތުން މިއަހަރަށް ފަސް ބޯޓު ގެނައުމަށް އޯޑަރުކޮށްފައިވާނެ ކަމަށާއި ހޯދަން އިއުލާނުކޮށްފައިވާ 12 ބޯޓަކީ އޭގެ އިތުރުން ހޯދާ ބޯޓުތަކެއް ކަމަށް މުބީން ވިދާޅުވެފައިވެއެވެ. އަދި ފްލީޓަށް އިތުރުވާ ބޯޓުތަކާއެކު ރާއްޖޭގެ އިތުރު ސަރަހައްދުތަކަށް ދަތަރުތައް ފަށާނެ ކަމަށް މުބީން ވިދާޅުވެފައިވެއެވެ.

ދެހާސް ނަވާރަ ވަނަ އަހަރު ސީޕްލޭން ދަތުރުތައް ފެށި މަންޓާ އެއާލައިނުގެ ސީޕްލޭން ފްލީޓުގައި 16 ބޯޓު މިހާރު އޮވެއެވެ.