އެހެން އަހަރުތަކާ އަޅައި ބަލާއިރު މިއަހަރުގެ ރޯދައަށް އއ. ތޮއްޑޫން ކަރާ ލިބޭވަރު މަދުވާނެ ކަމަށް އެރަށު ދަނޑުވެރިން ބުނެފިއެވެ.
"ވަން"އަށް މިއަދު މައުލޫމާތު ދެމުން ތޮއްޑޫ ދަނޑުވެރިޔަކު ކަމަށްވާ ހަސަން ނިމާލް ބުނީ ރޯދައަށް މަދުނުވާ ވަރަށް ކަރާ ލިބޭނެ ކަމަށެވެ. އެހެން ނަމަވެސް އެހެން އަހަރުތަކާ އަޅައިބަލާއިރު މަދުވާނެ ކަމަށް އޭނާ ބުންޏެވެ.
ނިމާލް ބުނީ މިއަހަރު ރޯދައަށް ހެއްދި ކަރާ ދަނޑުތަކަށް މޫސުމީ ބައްޔެއް ޖެހި ގިނަ ވެޔޮތައް އަދި ކުދި ކަރާތައްވެސް ހަލާކުވެފައިވާ ކަމަށެވެ.
"މީގެ ކުރިން ދަނޑަކުން ދެ ޓަނު ކަރާ ހމަ އެކަނި ރޯދައަށް ބޭރުކޮށްލެވޭނެ. އެކަމަކު މިއަހަރު ހިޔެއް ނުވޭ އެވަރަށް ބޭރުކުރެވޭނެހެން. އެއީ ބަލި އިތުރުވީމަ. ނޭނގެ އެއީ ކޮންކަހަލަ ބައްޔެއް ކަމެއް. އެ ބައްޔާ ގުޅޭ މާބޮޑު މައުލޫމާތެއްވެސް ނޭނގެ. އެކަމަކު ރޯދައަށް ބޭނުންވާ ވަރަށް ކަރާ ލިބޭނެ." އޭނާ ބުންޏެވެ.
އެހެން ދަނޑުވެރިޔަކު ބުނީ ކޮވިޑުގެ ކުރިން އަތޮޅުތަކުން ކަރަލަށް މާބޮޑު ޑިމާންޑެއް ނެތް ނަމަވެސް ކޮވިޑުގެ ފަހުން އަތޮޅުތަކުން ދޯނިތަކުގައި މީހުން ކަރާ ގަންނަން ތޮއްޑޫއަށް ދާ ކަމަށެވެ. އެގޮތުން އއ. އދ. އަދި ބ. އަތޮޅުގެ ރަށްތަކުން ކަރާ ގަތުމަށް އޮންނަ ޑިމާންޑު ވަރަށް ބޮޑުކަމަށެވެ.
އަގުތަކާގުޅެގޮތުން ދަނޑުވެރިންނާ ސުވާލުކުރުމުން ބުނީ އަގުތަކަށް ބަދަލު އަންނާނީ ރާއްޖެއިން ބޭރުން ކަރާ އެތެރެކުރާ މިންވަރަށް ބަލާފައި ކަމަށެވެ. އެހެން ނަމަވެސް މިހާރުވެސް ބާޒާރުން 20 ރުފިޔާ އާއި 25 ރުފިޔާ އާއި ދެމެދުގެ އަގުތަކެއްގައި ކަރާ ލިބޭނެ ކަމަށް ބުންޏެވެ. އަދި ބުނީ އަގު ބޮޑުކުރަނީ ދަނޑުވެރިން ނޫން ކަމަށާއި އެހެންކަމުން އަގު އުފުލުންވެސް އެކަށީގެންވާ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު މި ވިއްކަނީ 15 ރުފިޔާ އާއި 20 ރުފިޔާ އާއި ދެމެދު ކަރާ ކިލޯއެއް. އެކަމަކު ބޭރުން ކަރާ އެތެރެކުރާ މިންވަރަށް ބަލާފަ އަގުތައް ބޮޑަށް ކަނޑައަޅާނީ. ދެން އެކަމަކު މިއަގަށް ވިޔަފާރިވެރިންވެސް ބަދަލުގެންނާނެ." ދަނޑުވެރިއަކު ބުންޏެވެ.
ތޮއްޑޫގައި ހައްދާ ބާވަތްތަކުގެ ތެރޭގައި ފަޅޮލާއި، ސްވީޓް މެލަން އަދި ކިއުކަންބާ ހިމެނެއެވެ. ދަނޑުވެރިން ބުނީ ކިއުކަންބާ މިހާރު ރާއްޖޭގެ ގިނަ ރަށްތަކުގައި ހައްދާތީ އެއަށް މާބޮޑު ޑިމާންޑެއް ނޯންނަ ކަމަށެވެ. އެހެން ނަމަވެސް ފަޅޮލަށް ވަރަށް ބޮޑު ޑިމާންޑެއް އޮންނަ ކަމަށާއި ރޯދަމަހާ ދިމާކޮށް އޮންނަ ޑިމާންޑު މާ ބޮޑަށް މަތިވާ ކަމަށެވެ. ފަޅޯގެ އަގުތައްވެސް މަތިވެފައިވާ ކަމަށް ބުންޏެވެ.
އެހެން ނަމަވެސް މެލަންވެސް އެހެން އަހަރުތަކާ ހިލާފަށް މިއަހަރު މަދުވާނެ ކަމަށާއި އެއީ ބަލިތައް އިތުރުވުމުން ކަމަށް އޭނާ ބުންޏެވެ.
ތޮއްޑޫއަކީ ދަނޑުވެރިކަމުގެ ދާއިރާގައި މުޅި ރާއްޖެއިން ވެސް އެންމެ ކުރީގައި އުޅޭ އެއް ރަށެވެ. އާބާދީގެ 90 ޕަސެންޓް ދަނޑުވެރިކަން ކުރާ ތޮއްޑޫ ބިމުގެ ތިންބައިކުޅަ އެއްބައި ހާއްސަކޮށްފައި އޮންނަނީ ދަނޑުވެރިކަން ކުރުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު