އިސްލާމީ ގައުމުތައް ބައިވެރިވާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ނަފުރަތު ނައްތާލުމަށް ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ގޮވާލައްވައިފިއެވެ.
މޮރަޓޭނިއާގެ ނުއަކްޝޮޓްގައި ބާއްވަމުންދާ 49 ވަނަ ފޮރިން މިނިސްޓަރުންގެ ކައުންސިލް ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝާހިދު ވަނީ ބިންހެލުމުގެ ސަބަބުން ހާލުގައި ޖެހުނު ތުރުކީއާއި ސީރިއާގެ ރައްޔިތުންނަށް ދިވެހިންގެ ފަރާތުން ތައުޒިޔާ ވިދާޅުވެ، އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން އަވަސްކުރުމަށް ގޮވާލައްވައިފައެވެ.
މީގެ އިތުރުން ފަލަސްތީނުގެ ވެރިރަށަކީ އިރުމަތީ ގުދުސް ކަމުގައި ކަނޑައަޅައި، 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ރާއްޖެއިން ގޮވާލާ ގޮވާލުން މިނިސްޓަރު ޝާހިދު ތަކުރާރުކުރެއްވިއެވެ.
އަދި ފަލަސްތީނުގެ މުސްލިމުންނަށް ލިބިދޭ ހައްގު ކަށަވަރުކޮށްދިނުމުގައި ރާއްޖޭން ފަލަސްތީނުގެ ރައްޔިތުންނަށް އަބަދުވެސް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދެއްވިއެވެ.
މިނިސްޓަރު ޝާހިދު ވަނީ ރޮހިންޔާ މުސްލިމުން ބިރުވެރިކަމުން އެއްކިބާވެފައިވާ ދިރިއުޅުމެއް އުޅުމަށް ކުރާ މަސައްކަތުގައި އެއްބާރުލުމާއި އެއްބައިވަންތަވުމަށްވެސް ގޮވާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު