އެމެރިކާގެ ބޮސްޓަންގައި މިހާރު ކުރިއަށްދާ، ސީފުޑް އެކްސްޕޯ ނޯތު އެމެރިކާގައި ބަހައްޓާފައިވާ އެންސިސް ފިޝަރީޒްގެ ސްޓޯލަށް ޒިޔާރަތްކުރި މީހުންގެ މެދުގައި އެ ކުންފުނީގެ އެންޒީ މަސްހުނި ދަޅު ވަރަށް ބޮޑަށް މަގުބޫލުވެއްޖެއެވެ.
ނޯތު އެމެރިކާގެ ސީފުޑް މާކެޓަށް އަމާޒުކޮށްގެން ކޮންމެ އަހަރެއްގެ މާޗު މަހުގައި ބާއްވާ އެ އެކްސްޕޯގައި ބަހައްޓާފައިވާ އެންސިސްގެ ސްޓޯލުގައި އެ ކުންފުނީގެ ދިވެހި އުފެއްދުންތަކުގެ ރަހަތައް ބަލައިލުމުގެ ފުރުސަތު ހަމަޖައްސާފައިވެއެވެ.
އޭގެ ތެރޭގައި އެންސިސްގެ ކޭނިން ފެކްޓަރީގައި އުފައްދާ އެންޒީ ބްރޭންޑުގެ މަސްހުނި ދަޅުގެ އިތުރުން ދިވެހި ވަޅޯމަހާއި ތެލުލި ބަނޑައިދޫ ވެސް ހިމެނެއެވެ.
އެންސިސް އިން ބުނި ގޮތުގައި، އޭގެ ތެރެއިން އެންމެ ތަފާތު އަދި މީރު އުފެއްދުމަކަށްވީ އެންޒީ ބްރޭންޑުގެ މަސްހުނި ދަޅު ކަމަށެވެ. އެގޮތުން ގިނަ ބަޔަކު އެ ޕްރޮޑަކްޓުގެ ތަފާތުކަމާއި މީރުކަން ފާހަގަކުރި ކަމަށް އެންސިސް އިން ބުންޏެވެ.
އެންސިސް ފިޝަރީޒްގެ ޖެނެރަލް މެނޭޖަރު ހުސެއިން އަފީފު ވިދާޅުވި ގޮތުގައި އެ އެކްސްޕޯގެ އަމާޒަކީ އެންސިސްގެ ޕްރޮޑަކްޓުތައް އެމެރިކާގެ އިތުރު މާކެޓުތަކަށް ތައާރަފުކޮށް، އެ ގައުމުގެ މާކެޓުތަކުގައި އެންސިސް ޕްރޮޑަކްޓުތަކުގެ ވިޔަފާރި ފުޅާކުރުމެވެ.
ސީފުޑް އެކްސްޕޯ ނޯތު އެމެރިކާގައި ދުނިޔޭގެ ގިނަ ގައުމުތަކެއްގެ މަސް ކުންފުނިތަކުން ބައިވެރިވެއެވެ. ކޮވިޑް-19 އަށް ފަހު މިއީ މި އެކްސްޕޯ ބޭއްވި ދެ ވަނަ އަހަރެވެ.
ޚަބަރު
ޚަބަރު
ޚަބަރު