މަތީ ތައުލީމު ދޭ ތަންތަނުގައި މަސައްކަތް ކުރާ އިދާރީ މުވައްޒަފުންގެ މުސާރަވެސް ބޮޑުކޮށްފިއެވެ.
މި މަހުގެ ދެވަނަ ދުވަހު ތ. ހިރިލަންދޫ ސްކޫލުގައި ބޭއްވި ޖަލްސާއެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަތީ ތައުލީމު ދޭ ތަންތަނުގެ ލެކްޗަރާއިންނާއި މެނޭޖުމެންޓްގެ ބޭފުޅުންގެ މުސާރަ ބޮޑުކޮށްފައިވާކަން އިއުލާނުކުރައްވައިފައެވެ.
މަތީ ތައުލީމު ފޯރުކޮށްދޭ ތަންތަނުގެ މުވައްޒަފުންގެ މުސާރައަށް އައި ކުރިއެރުމާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާއި ޕޭ ކޮމިޝަނާއި ފިނޭންސް މިނިސްޓްރީ ގުޅިގެން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، މަތީ ތައުލީމު ދޭ ތަންތަނުގައި މަސައްކަތް ކުރާ އިދާރީ މުވައްޒަފުންގެ މުސާރަ 35 ޕަސެންޓް ބޮޑުކޮށްފައިވާ ކަމަށެވެ.
"ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގައި އެބަތިބި ގާތްގަނޑަކަށް 376 މުވައްޒަފުން އެކިއެކި އެޑްމިނިސްޓްރޭޓިވް މަގާމުތަކުގައި، އަދި ދިވެހި ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގައި 64 މުވައްޒަފުން އެބަ ތިއްބެވި، އަޅުގަނޑުމެން އެކިއެކި ވުޒާރާތަކަށް މިދޭ 35 ޕަސަންޓް އެމްއެންޔޫއާއި އައިޔޫއެމްއަށް ނުލިބޭ. އެހެންވީމާ އެޑްމިނިސްޓްރޭޓިވް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށްވެސް 35 ޕަސަންޓް ލިބޭ ގޮތަށް މި ބަދަލު ގެނައީ" އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ، ގައުމީ ޔުނިވަސިޓީގެ އިދާރީ މުވައްޒަފުންނަށް 35 ޕަސެންޓްގެ އެލަވަންސް ދިނުމަށް އަހަރަކު 9.3 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށެވެ. އަދި އިސްލާމިކް ޔުނިވާސިޓީގައި ތިބި 64 އިދާރީ މުވައްޒަފުންނަށް 35 ޕަސެންޓްގެ އެލަވަންސް ދިނުމަށް އަހަރަކު 2 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވިދާޅުވިއެވެ.
"އެޑިޝަނަލް ފިޒިކަލް އިމްޕެކްޓް މުޅި ޕޭ ފްރޭމްއަށް ބަދަލުވުމާއި އެންރޯލްމެންޓް އެލަވަންސާއި އަދި 35 ޕަސަންޓް މިދޭ މުވައްޒަފުންނަށް އެއްކޮށް ބަލާއިރު މުޅި އަހަރަށް 62 މިލިއަން ރުފިޔާގެ ފިޒިކަލް އިމްޕެކްޓެއް އަންނާނެ" އަމީރު ވިދާޅުވިއެވެ.
އަމީރު އިތުރަށް ވިދާޅުވީ، މަތީ ތައުލީމު ފޯރުކޮށްދޭ ސަރުކާރުގެ އިންސްޓިޓިއުޝަންތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުން އެކަމުގެ އަސަރު ޕްރައިވެޓް ސެކްޓާއަށް ކޮންމެވެސް ވަރަކަށް ކުރާނެ ކަމަށާއި ނަމަވެސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ މީގެ ކުރީގައި މަތީ ތައުލީމު ފޯރުކޮށްދޭ ސަރުކާރުގެ އިންސްޓިޓިއުޝަންތަކުގެ މުސާރަ ކުޑަކަން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު