ހދ. ނޮޅިވަރަމްގެ ޓާފް ދަނޑުގައި އެޅުމަށް ބަހައްޓާފައި ހުރި ޓާފުތަކުގައި އަނެއްކާވެސް އަލިފާން ރޯކޮށްލައިފިއެވެ.
މިއީ ޓާފުތަކުގައި ރޯކޮށްލި ދެވަނަ ފަހަރެވެ.
ނޮޅިވަރަމް ކައުންސިލްގެ ރައީސް ޔޫސުފް މޫސާ "ވަން" އަށް މިއަދު ވިދާޅުވީ ޓާފުތަކުގައި ރޯވެފައިވާކަމުގެ މައުލޫމާތު ލިބިފައިވަނީ ހަވީރު 3:33 އެހާކަންހާއިރު ކަމަށެވެ. އަލިފާން ނިއްވާލުމުގެ މަސައްކަތް ކޮށްފައިވަނީ ފުލުހުންނާއި ކައުންސިލާ ގުޅިގެން ކަމަށާއި ޓާފުތަކުން އަލިފާން ނިއްވާލެވުނީ 6:00 ގެ ފަހުން ކަމަށް އޭނާ ވިދާޅުވިއެވެ.
ޔޫސުފް މޫސާ ވިދާޅުވީ ޓާފުތަކުގައި ބަޔަކު ރޯކޮށްލި މަންޒަރު ފެނުނު މީހަކު ނެތް ކަމަށާއި ނަމަވެސް އެއީ ބަޔަކު ގަސްދުގައި ކުރި ކަމެއް ކަމަށް ބެލެވޭ ކަމަށެވެ.
"ޓާފުތަކަކީ އަމިއްލަ ޒާތުގައި ރޯވާ އެއްޗެއް ނޫން. ކުރިން ފަހަރު ރޯކޮށްލި ޓާފުތަކުގެ ތެރެއިން ބާކީ ހުރި ޓާފުތަކުގައި މިފަހަރު ރޯކުރީ، ބަޔަކު ގަސްދުގައި ކުރި ކަމަކަށް ބެލެވެނީ އެކަން ކުރި މަންޒަރު ބަޔަކަށް ފެނިފައި ނުވިޔަސް،" ޔޫސުފް މޫސާ ވިދާޅުވިއެވެ.
ދަނޑުގައި އަޅަން ބަހައްޓާފައި ހުރި 12 ވަރަކަށް ޓާފު ރޯލްތަކުގައި އަލިފާން ރޯވި ކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުވެސް ވަނީ ނޮޅިވަރަމްގެ ދަނޑުގައި އަޅަން ބަހައްޓާފައި ހުރި ޓާފުތަކުގައި ރޯކޮށްލައިފައެވެ. ނޮޅިވަރަމް ދަނޑުގެ މަސައްކަތް ލަސްވުމުގެ ކަންބޮޑުވުން އެފަހަރު އެރަށު ކައުންސިލުން ވަނީ ފާޅުކޮށްފައެވެ.
އެފަހަރު އެ ޓާފުތަކުގައި ރޯކޮށްލާފައިވަނީ ދަނޑުގައި ޓާފު އަޅަން ތިން ދުވަހަށް ވެފައި ވަނިކޮށެވެ.
ޚަބަރު
ޚަބަރު
ޚަބަރު