މާލޭގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށްޓަކައި ހަދައި، މިއަދު ހުޅުވި، ކުޑަގިރި ޕިކްނިކް އައިލެންޑް ޑިޒައިން ކޮށްފައިވާނީ ދިވެހިންގެ ތެރޭގައި އެކުވެރިކަމާއި ގުޅުން ބަދަހިކުރެވޭ ގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.

ކުޑަގިރި ހުޅުވުމަށްޓަކައި އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފައިސަލް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދައްކަވާ ކޮންމެ ވާހަކަފުޅެއްގައި އަދި ބައިވެރިވެވަޑައިގަންނަވާ ކޮންމެ ތަނެއްގައި އެކުވެރިކަން ދެމެހެއްޓުމަށް ބާރުއަޅުއްވައި ވާހަކަފުޅު ދައްކަވާ ކަމަށެވެ.

އެގޮތުން ގައުމަށާއި އަމިއްލަ މީހާއަށް އަދި މުޅި މުޖުތަމައުއަށް ކުރިއެރުމާއި ހަމަޖެހުން އަދި އުފާވެރިކަން އަންނަނީ އެކުގައި ކުރެވޭ މަސައްކަތަކުން އަދި ގުޅުން ވަރުގަދަވި މިންވަރަކުން ކަމަށް ވިދާޅުވިއެވެ.

"އެކުވެރިކަމަކީ ގަދަފަދަބާރެއް، އެކުވެރިކަމާއެކު ކުރެވޭ ކޮންމެ ކަމަކީ ކާމިޔާބާ ހަމައަށް ދެވޭނެ ކަމެެއް، އަޅުގަނޑުމެން މި ރަށުގެ ޑިޒައިންތައް ކޮންފަ މި ހިރީ އެ މާހައުލު އަޅުގަނޑުމެންގެ ދިވެހިންނަށް މި ރަށަށް ޒިޔާރަތްކުރާ ހުރިހާ ބޭފުޅުންނަށް ލިބޭ ގޮތަށް،" ފައިސަލް ވިދާޅުވިއެވެ.

ކުޑަގިރީގެ މަސައްކަތްތައް ބެލެހެއްޓުމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއެކު އެންމެ އިސްކޮށް މަސައްކަތް ކުރެއްވި ފައިސަލް ވިދާޅުވީ، ކުޑަގިރީގެ ކޮންމެ ހިދުމަތަކީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށްވެސް ލިބޭ ގޮތަށް ތަރައްގީކޮށްފައިވާ ހިދުމަތްތަކެއް ކަމަށެވެ. އަދި ކުޑަބަނޑޮސް ގެއްލި 10 ވަރަކަށް އަހަރަށް ފަހު ދިވެހިންނަށް ލިބުނު ކުޑަގިރިއަކީ އެތައް ގުނައެއް ފަސޭހަ ޒަމާނީ ވަސީލަތްތަކާއެކު ދަތުރުދެވޭނެ ރަށެއް ކަމަށް ވިދާޅުވިއެވެ.