ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން އެ އެއާޕޯޓު ހިންގާ އައިލެންޑް އޭވިއޭޝިއަނުން އިއުލާނުކޮށްފިއެވެ.

މި މައްސަކަތަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ދިވެހި ކުންފުނިތަކަށް އިއްޔެ ހުޅުވާލާފައިވާ އިރު، އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ބިޑް ރެޖިސްޓާކުރަން ޖެހެއެވެ.

ބިޑްގައި ބައިވެރިވުމަށް އައިލެންޑް އޭވިއޭޝަނުން ޓެންޑާ ޑޮކިއުމަންޓް ގަންނަން ޖެހޭއިރު އެ ޑޮކިއުމަންޓްތަކުގެ އަަގަކީ 15،000 ރުފިޔާއެވެ.

މާފަރު އެއާޕޯޓް އިތުރަށް ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގައި ރަންވޭ ބޮޑު ކުރުމަށް 27.1 މިލިއަން ޑޮލަރަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުއެވެ.

މާފަރު އެއާޕޯޓް ބޮޑުކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ދަށުން އެއާޕޯޓް ރަންވޭ އިތުރު 650 މީޓަރަށް ބޮޑުކުރުމަށާއި ސްޓްރިޕް ފުޅާކުރުމަށްޓަކައި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި މިހާރު ބޭނުންކުރާ ރަންވޭ ޕޭވްމަންޓް އަޕްގްރޭޑް ކުރުމާއި ޓެކްސީވޭ ފުޅާ ކުރުމާއި ރަންވޭ ލައިޓް އަޕްގްރޭޑް ކުރުމުގެ އިތުރުން ޕަވާ ސިސްޓަމް އަޕްގްރޭޑް ކުރުން ހިމެނެއެވެ.

އަބޫދާބީ ފަންޑުގެ އެހީއާއެކު ތަރައްގީކުރި މާފަރު އެއާޕޯޓު ބޮޑުކޮށް ނިމުމުން، އެ އެއާޕޯޓުގައި ބޮއިންގް 777 ޓްވިން ޖެޓް ޖެއްސޭނެއެވެ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވާ ހިދުމަތް ދޭން ފެށީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.