ސަރުކާރު އޮފީސްތަކުން އާ މަގާމުތައް އުފެއްދުމާއި ޕްރޮމޯޝަން ދިނުން ފަދަ ކަންކަން މަޑުޖައްސާލަން ފިނޭންސް މިނިސްޓްރީން އަންގައިފިއެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި އިއްޔެ ސަރުކާރު އޮފީސްތަކަށް ފޮނުއްވި މާލިއްޔަތާ ބެހޭ ސާކިއުލާގައި ބުނެފައިވަނީ މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓު ތައްޔާރުކޮށްފައިވާ ވިސްނުންތަކާ އެއްގޮތަށް ބަޖެޓު ތަންފީޒުކުރުމަށާއި ހަރަދުތައް ކުރެވޭ ގޮތް ރަނގަޅުކުރުމަށް މިއަދުން ފެށިގެން ފިޔަވަޅުތަކެއް އަޅަން އަންގާ ކަމަށެވެ.
އެގޮތުން މުވައްޒަފުންނަށް ހިނގާ ހަރަދާއި ދަތުރު ހަރަދު އަދި އޮފީސް ހިންގުމާއި ތަމްރީނު ކުރުމަށް ކުރާ ހަރަދު ކުޑަކުރުމަށް އަންގާފައިވެއެވެ.
- ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެތި ދައުލަތުގެ ބަޖެޓުން ހަރަދުކުރާ އެއްވެސް އާ މަގާމެއް ނުއުފެއްދުން
- ޕޭ ކޮމިޝަނުން ދިރާސާކުރުމަށްފަހު, ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިބިގެން ނޫނީ މުސާރައިގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ނުގެނައުން
- ބަޖެޓުގައި ހިމަނާފައިވީ ނަމަވެސް, މިހާރު ދޭން ފަށާފައިނުވާ އާ އެއްވެސް އެލަވަންސެއް ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެތި އަހަރުތެރޭ ދޭން ނުފެށުން
- ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިބިގެން ނޫނީ, މުވައްޒަފުންގެ ޕްރޮމޯޝަން ފަދަ މަގާމުގެ ރޭންކަށް އަދި މުސާރައާއި އިނާޔަތްތަކަށް ބަދަލު އަންނާނެ ކަމެއް ނުކުރުން
- ރަސްމީގަޑީގައި އޮފީހުގެ މަސައްކަތްތައް ނިންމޭނެ ގޮތަކަށް މަސައްކަތް އިތުރު ގަޑީގައި ކުރާ މަސައްކަތް މަދުކުރުން
އެ ފިޔަވަޅުތަކުގެ އިތުރުން ރާއްޖެއިން ބޭރަށް ކުރާ ރަސްމީ ދަތުރުތައް ކުރުމުގެ ކުރިން ހުއްދަ ހޯދުމަށާއި ގައުމީ ފެންވަރުގައި ކުރިއަށް ގެންދާ ސްކޮލަޝިޕް ސްކީމްތަކުގެ ބޭރުން އެއްވެސް އިތުރު އާ ސްކޮލަޝިޕެއް ނުދިނުމަށާއި ރާއްޖޭން ބޭރުން ހުރިހާ ހަރަދެއް ލިބޭ ކުރު މުއްދަތުގެ ކޯސްތަކާއި ޓްރެއިނިންތައް ފިޔަވައި އިތުރު އެއްވެސް ޓްރެއިނިން ޕްރޮގްރާމެއް ކުރިއަށް ނުގެންދިއުމަށް އަދި ޕީއެސްއައިޕީގައި ހިމެނޭ ކެޕިޓަލް ހަރަދުތައް ފިޔަވައި ކޮންމެހެން ކުރަންޖެހޭ ކެޕިޓަލް ހަރަދެއް ނޫނީ ނުކުރުމަށްވެސް ސާކިއުލާގައި އަންގާފައިވެއެވެ.
އެ ސާކިއުލާއަށް ކައުންސިލްތައް ފިޔަވައި ދައުލަތުގެ ހުރިހާ އޮފީހަކުން މިއަދުން ފެށިގެން އަމަލުކުރަން އަންގާފައިވާއިރު، ކައުންސިލްތަކުންވެސް ބްލޮކް ގްރާންޓް އަދި އަމިއްލަ އާމްދަނީ ފައިސާއިން ހަރަދު ކުރުމުގައި ސާކިއުލާގައިވާ ކަންކަމަށް ރިއާޔަތްކޮށް ހަރަދުތައް ބައްޓަންކުރުމަށާއި ކައުންސިލްގެ ބަޖެޓުގެ ތެރެއިން ހަރަދުތައް ހަމަޖެއްސުމަށް ސާކިއުލާގައި އެދިފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު