އެޓޯލް އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އޭއީޑީޕީ) އިފުތިތާހުކޮށްފިއެވެ.

މެންހަޓަން ބިޒްނަސް ހޮޓެލްގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްރޮޖެކްޓު އިފުތިތާހުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ މިނިސްޓްރީ އާއި ވޯލްޑް ބޭންކް ހިމެނޭހެން އެކުލަވާލާފައިވާ ދިހަ މިލިއަން ޑޮލަރުގެ މި ޕްރޮޖެކްޓަކީ ފަސް އަހަރު ދުވަހުގެ މުއްދަތަށް ޕްލޭން ކުރެވިފައިވާ ޕްރޮޖެކްޓެއް ކަމަށެވެ.

އޭއީޑީޕީގެ މައިގަނޑު މަގުސަދަކީ ދަރިވަރުންނަށް ސާނަވީ ތައުލީމު ފޯރުކޮށްދިނުން އިތުރަށް ފުޅާކޮށް، ސާނަވީ ގްރޭޑުތަކުގައި ކިޔަވައިދިނުމުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމެވެ. އެ ޕްރޮޖެކްޓަކީ ސްޓެމް އެޑިއުކޭޝަން ތައާރަފުކުރުމާއި، ލިޓްރަސީ އާއި ނިއުމެރަސީގެ ހުނަރުތައް އިތުރުކުރުމާއި، އާންމު ތައުލީމީ ނިޒާމުގެ ތެރެއިން ވޮކޭޝަނަލް އެޑިއުކޭޝަން ތަންފީޒުކުރުމާއި، ސާނަވީ ތައުލީމުގެ ކޮލިޓީ އެޝުއަރެންސް ހަރުދަނާ ކުރުމަށް ފަރުމާކޮށްފައިވާ ޕްރޮޖެކްޓެކެވެ.

އެ ޕްރޮޖެކްޓުގެ ދަށުން ރާއްޖޭގެ އެކި ހިސާބުތަކުން ހޮވާފައިވާ 28 ސްކޫލެއްގައި ސައިންސާއި އައިސީޓީ އަދި ސްޓެމް އެޑިއުކޭޝަން ހިމެނޭގޮތަށް ވަސީލަތް ފުރިހަމަ ރިސޯސް ސެންޓަރު ގާއިމުކުރާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

އެ ޕްރޮޖެކްޓު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު އިފުތިތާތުކޮށްދެއްވައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދު ކަމަށާއި މިއީ ރާއްޖެ ފަދަ ގައުމަކަށް ވަރަށް ބޮޑަށް ބޭނުންވާ އިދާރީ ހައްލެއް ކަމަށެވެ. އަދި އެ ޕްރޮޖެކްޓުގެ ސަބަބުން ދެމެހެއްޓެނިވި ތަރައްގީ ކުރިއެރުވުމަށް ބޭނުންވާ އިލްމާއި ހުނަރު ހުރިހާ ދަރިވަރުންނަށް ވެސް ލިބިގެންދާނެ ކަމަށެވެ.

"މި ދަތުރު ފަށައިގަންނަ އިރު، އަޅުގަނޑުމެން އެންމެން އެކުގައި މިތިބީ، މާދަރީ ގުދުރަތަށް އިހުތިރާމުކުރުމުގެ އަސާސްތައް ސާބިތުކަމާ އެކީގައި ދެމެހެއްޓުމުގައި. އަޅުގަނޑުމެންގެ ސްކޫލުތަކުގައި ތައުލީމު ފޯރުކޮށްދީ، ތިމާވެއްޓާ ރައްޓެހި ގޮތްތައް ހަރުދަނާކުރުން. މިގޮތުން، ސަރުކާރުގެ އެންމެ ބޮޑު އެއް މަސައްކަތަކީ، "ފެހި މަދަރުސާ" (ގްރީން ސްކޫލު) އުފައްދައި، އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމުގެ މުހިންމުކަމާއި، ކުނި މުއްސަނދިކަމަށް ބަދަލުކުރުން. އޭއީޑީޕީ ޕްރޮޖެކްޓުން މިކަން އަޅުގަނޑުމެންނަށް ހާސިލުކުރެވޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ ސާނަވީ މަރުހަލާގެ ދަރިވަރުންގެ ކިބައިގައި ހުނަރުވެރިކަން އަށަގެންނެވުމުގެ މަގުސަދުގައި ސްކިލް އަދި ސްޓެމް ލެބް ގާއިމުކުރުމަށް އެ ޕްރޮޖެކްޓުގައި ޕްލޭން ކޮށްފައިވާ ކަމަށެވެ. އަދި އެކަމަށްޓަކައި ސްކޫލުތަކުގައި މިހާރު ހުރި ވަސީލަތްތައް އިތުރަށް ތަރައްގީކޮށް ތިމާވެއްޓާއި ރައްޓެހި، 'ގްރީން ކޮންސެޕްޓް'ތައް ހިމަނައިގެން ދަރިވަރުންނަށް ކިޔަވައިދިނުން ބައްޓަންކުރުމަށް މަސައްކަތްތަކެއް ފަށާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މުދައްރިސުންގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން، މުދައްރިސުންނަށް ބޭނުންވާ ކަރިކިއުލަމް މެޓީރިއަލް އަދި ކިޔަވައިދިނުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތައް އުފެއްދުމުގައި ބޭނުންކުރާނެ ވަސީލަތްތައް ތައްޔާރުކުރުމަށް އެ ޕްރޮޖެކްޓުގެ ދަށުން އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ. އަދި ސްކޫލް ބޭސްޑް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް (އެސްބީޕީޑީ) އަށް ވެސް އެ ޕްރޮޖެކްޓްގެ ދަށުން އެހީތެރިކަން ލިބިގެންދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އޭގެ އިތުރުން ސްކޫލުތަކުގެ ސެލްފް އިވެލުއޭޝަނާއި ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓް (ކިއުއޭޑީ) ގެ އެކްސްޓާނަލް އިވެލުއޭޝަން ހިމެނޭގޮތަށް ކޮލިޓީ އެޝުއަރެންސް ރިވިއުތައް ކުރިއަށް ގެންދިއުމަކީވެސް އެ ޕްރޮޖެކްޓުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ ކަމެއް ކަމަށާއި ޕްރޮޖެކްޓުގައި ސާނަވީ ގްރޭޑްތަކުގައި ކަނޑައަޅާފައިވާ ބައިތަކުން އުނގެނުމާއި އުނގަންނައިދިނުން ކުރިއެރުވުމަށްޓަކައި ސްކޫލު ރިވިއު ރިޕޯޓްކުރުމުގައި ފާހަގަކުރާ އެކި ބައިތައް ހަރުދަނާކޮށް ތަންފީޒުކުރުމަށް ކޮންމެ ސްކޫލަކަށް 'ސްކޫލް ގްރާންޓް' ދިނުމަށްވެސް މަސައްކަތް ކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.