އަހަރުތަކެއް ވަންދެން އޮލިމްޕަސް ބަންދުކުރުމަށްފަހު ހުޅުވައި، އަޅުވާ ފުރަތަމަ ފިލްމަށް ގިނަ ބައެއްގެ ތަރުހީބު ލިބެމުން އަންނަ ކަމަށް އެ ފިލްމުގެ ޕްރޮޑިއުސަރު ބުނެފިއެވެ.

އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އޮލިމްޕަސް ރަސްމީކޮށް ހުޅުވަނީ ތިން އަހަރު ބަންދުކޮށްފައި ހުރުމަށްފަހުއެވެ. މިހާ ގިނަދުވަހަށް ފަހު އޮލިމްޕަސް ސިނަމާ ހުޅުވައި، އަޅުވާ ފުރަތަމަ ފިލްމަކީ ޑާކްރެއިން އެންޓަޓެއިންމެންޓުގެ، "ބީވީމާ"އެވެ.

މި ފިލްމުގެ ޓިކެޓުތައް މިމަހުގެ 21 ވަނަ ދުވަހު ވިއްކަން ފަށާފައިވާއިރު ފުރަތަމަ ރޭގެ ޓިކެޓު މިހާރު އެއްކޮށް ވިކި ހުސްވެފައިވާ ކަމަށް އެ ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ވަނީ އިއްޔެ "ވަން" އަށް ބުނެފައެވެ.

މޮގާ ބުނީ އެހެން ޝޯތަކުގެ ޓިކެޓުތައްވެސް މިހާރު ވިކެމުން އަންނަ ކަމަށާއި ގިނަ ޝޯތަކަށް ގާތްގަނޑަކަށް ފުލްވެފައިވާ ކަމަށެވެ. ޓިކެޓުގެ އަގުތަކާ ގުޅޭ ގޮތުން އޭނާ ބުނީ، ކޮވިޑުގެ ކުރިންވެސް ފިލްމުތައް އެޅުވި އިރު ޓިކެޓު ވިއްކަން ހުރި އަގުތަކުގައި މިހާރުވެސް ޓިކެޓު ލިބޭނެ ކަމަށެވެ.

ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށް އޮލިމްޕަސް ސިނަމާއިން ޓިކެޓު ވިއްކަމުން އަންނައިރު ފުރަތަމަ ރޭގެ ޓިކެޓުގެ އަގު އުޅެނީ 150 ރުފިޔާއަށެވެ. އެހެން ޝޯތަކުގެ ޓިކެޓެއްގެ އަގު އުޅެނީ 100 ރުފިޔާއަށެވެ.

އަހްމަދު ޒަރީރު ލިޔެ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އާއި އެކްޓަރު އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)ގެ އިތުރުން އައިމިނަތު ރަޝްފާ (އާޝާ) އަދި އަލަށް ދިވެހި ސިނަމާއަށް ތައާރަފުވާ އާދަމް ޒިދާން (ނާނަ) ލީޑުރޯލުން ފެނިގެން ދެއެވެ. މި ފިލްމު ޕްރޮޑިއުސް ކޮށްފައިވަނީ މޮގާގެ އިތުރު އައިޝަތު ފުއާދެވެ.

އަންނަ މަހުގެ ހަ ވަނަ ދުވަހު އަޅުވަން ހަމަޖެހިފައިވާ މި ފިލްމުގައި އިބްރާހިމް ވިސާން (ކަނޑި)ގެ ސިނަމެޓޯގްރަފީ ފެނިގެންދާނެއެވެ. ފިލްމުގެ ޕޯސްޓު ޕްރޮޑަކްޝަންގެ މަސައްކަތް ކޮށްފައި ވަނީ ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) އެވެ.