ގްރީން ޓެކުހުން މި އަހަރު ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާ ކުރި 'ބޭސްލައިން' އަދަދަށްވުރެ 74 މިލިއަން ރުފިޔާ އިތުރަށް ލިބިއްޖެއެވެ.

މި އަަހަރަށް ފާސްކުރި ބަޖެޓުގައި ގްރީން ޓެކުހުން ލިބޭނެ އާމްދަނީގެ ބޭސްލައިން އަދަދަކަށް ސަރުކާރުން ކަނޑައަޅާފައިވަނީ 823.8 މިލިއަން ރުފިޔާއެވެ. އެންމެ ރަނގަޅު ހާލަތުގައި 930 މިލިއަން އަދި އެންމެ ގޯސް ހާލަތުގައިވެސް 765.5 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ބުނެފައިވެއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ގްރީން ޓެކުހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް ގްރީން ޓެކުހުން ދައުލަތަށް 897.2 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެއީ އަންދާޒާ ކުރި މިންވަރަށްވުރެ 74 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ތަފާސް ހިސާބުތަކަށް ބަލައި އިރު، ގްރީން ޓެކުހުން މި އަހަރު އެންމެ ބޮޑު އާމްދަނީ އެއް ލިބިފައިވަނީ މާޗު މަހުއެވެ. އެ މަހު 105.7 މިިލިއަން ރުފިޔާ ލިބުނެވެ. އެހެނިހެން މަސްތަކުގައިވެސް އެވްރެޖުކޮށް ލިބިފައިވަނީ 81.6 މިލިއަން ރުފިޔާއެވެ.

މިނިސްޓްރީން އާއްމުކޮށްފައިވާ ނޮވެމްބަރު މަހުގެ ގްރީން ފަންޑް ރިޕޯޓުން ދައްކާ ގޮތުން ނޮވެމްބަރު މަހު ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 76 މިިލިއަން ރުފިޔާއެވެ.

އޭގެ ތެރޭގައި ހިމެނެނީ ރިސޯޓުތަކުން ލިބުނު 70 މިލިއަން ރުފިޔާއާއި ހޮޓާތަކުން ލިބުނު 1.84 މިލިއަން ރުފިޔާ އަދި ގެސްޓްހައުސްތަކުން ލިބުނު 2.1 މިލިއަން ރުފިޔާއެވެ. ދެން ހިމެނެނީ ސަފާރީ އުޅަނދުތަކުން ލިބުނު 2.0 މިލިއަން ރުފިޔާ އަދި ހޯމްސްޓޭ ޓޫރިޒަމުން ލިބުނު 2،350 ރުފިޔާއެވެ.

ނޮވެމްބަރު މަހު އެންމެ ގިނަ އަދަދަކަށް ގްރީން ޓެކްސް ދައްކާފައިވަނީ ކ. އަތޮޅުންނެވެ. އެގޮތުން މާލެއިން ޖުމުލަ 859,521 ރުފިޔާ ދައްކާފައިވާ އިރު، އަތޮޅުގެ އެހެން ރަށްތަކުން ޖުމުލަ 26.3 މިލިއަން ރުފިޔާ ދައްކާފައިވެއެވެ.

ދެވަނައަށް އެންމެ ގިނައިން ގްރީން ޓެކްސް ދެއްކީ އއ. އަތޮޅުންނެވެ. އެ އަތޮޅުން 7.9 މިިލިއަން ރުފިޔާ ދެއްކި އިރު، ރ. އަތޮޅުން 7.7 މިިލިއަން އަދި ބ. އަތޮޅުން 5.4 މިލިއަން ރުފިޔާ ވަނީ ދައްކައިފައެވެ. މި ލިސްޓުގައި އެންމަ މަދުން ގްރީން ޓެކްސް ދެއްކީ ފުވައްމުލަކު ސިޓީންނެވެ. އެ ސިޓީން ލިބިފައިވަނީ 6،706 ރުފިޔާއެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރު މިހާތަނަށް ގްރީން ފަންޑުން އެކި އެކި މަޝްރޫއުތަކަށް 778.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އެގޮތުން ނޮވެމްބަރު މަހު އެކަނިވެސް ގްރީން ފަންޑުން ހަރަދުކޮށްގެން ގޮނޑުދޮށް ހިމާޔަތްކުރުމާއި ފެނާއި ނަރުދަމާގެ މަޝްރޫއުތަކާއި ބަނދަރުގެ މަޝްރޫއުތައް ފަދަ މުހިންމު މަޝްރޫއުތަކެއް ހިމެނޭހެން ޖުމުލަ 44 މަޝްރޫއަކަށް ހަރަދުކޮށްފައިވާ ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

މި 44 މަޝްރޫއަށް ނޮވެމްބަރު މަހު 51 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު މި ވަގުތު އެންމެ ބޮޑު ޕްރޮޖެކްޓެއް ހިންގަނީ އއ. މަތިވެރީގައެވެ. އެ ރަށުގައި ސާފު ބޯފެން ގާއިމުކުރުމުގެ މަޝްރޫއަށް 4.9 މިލިއަން ރުފިޔާ މިހާތަނަށް ވަނީ ހަރަދުކޮށްފައެވެ.

މިދިޔަ އަހަރު ނިމުނު އިރު، ގްރީން ފަންޑުގައި ބާކީ ހުރި 708 މިލިއަން ރުފިޔާ ހިމަނައިގެން ގްރީން ފަންޑުގައި މިހާރު ބާކީ ހުރީ 826,82 މިލިއަން ރުފިޔާ އެވެ.

ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ. ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ހަ ޑޮލަރެވެ. އަދި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ތިން ޑޮލަރެވެ.