ކެމްބޯޑިއާ އިން ރާއްޖެއަށް ރަސްމީކޮށް ހުދު ހަނޑޫ އެކްސްޕޯޓް ކުރަން ރާވާފައިވާ ކަމަށް އެގައުމުން ހާމަކޮށްފިއެވެ.

ކެމްބޯޑިއާގެ "ނެޝަނަލް ރޯޑް" މަރާމާތުކުރުމުގެ މަސައްކަތް ފެށުމަށް ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި އެގައުމުގައި ބޮޑުވަޒީރު ހަން ސެން ވަނީ އަންނަ މަހު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނެކަން އިއުލާނު ކުރައްވައިފައެވެ. އަދި މި ޒިޔާރަތުގައި ރާއްޖެއަށް ކެމްބޯޑިއާގެ "މިލްޑް ރައިސް" ނުވަތަ ހުދު ހަނޑޫ ވިއްކުމުގެ އިތުރުން ފަތުރުވެރިކަމުގެ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް އެމަނިކުފާނު ވަނީ ހާމަކުރައްވައިފައެވެ.

"ރާއްޖެ އަކީ ހަނޑޫ މަދު ގައުމެއް، އެހެންވީމަ އަޅުގަނޑުމެން ބޭނުންވަނީ ޓޫރިޒަމް އާއި ހަނޑޫ އެކްސްޕޯޓް މެދުވެރިކޮށް ދެގައުމުގެ ގުޅުން ގާއިމްކުރަން. ރާއްޖެ އަކީ ކުޑަ ގައުމަކަށް ވެދާނެ ނަމަވެސް ގިނަ އަދަދެއްގެ ފަތުރުވެރިންގެ ސަބަބުން [މިލްޑް ރައިސް އަށް] ވެސް ޑިމާންޑް އެބައޮތް. އަޅުގަނޑުމެންގެ މިލްޑް ރައިސް އަކީ އެއްވަނަ، އެހެންވީމަ އަޅުގަނޑުމެންގެ ގައުމުން މިލްޑް ރައިސް ރާއްޖެއަށް ލިބޭނެ،" ބޮޑުވަޒީރު ހަން ސެން ވިދާޅުވިއެވެ.

ކެމްބޯޑިއާ އިން ރާއްޖެއަށް ހުދު ހަނޑޫ ވިއްކަން ތައްޔާރުވަމުންދާކަން ހާމަކޮށްފައިވާ އިރު، މިދިޔަ މަހު ތައިލެންޑްގެ ފުކެޓްގައި ބޭއްވި ދަ ރައިސް ޓްރޭޑާ (ޓީއާރުޓީ) ވޯލްޑް ރައިސް ކޮންފަރެންސްގައި ކެމްބޯޑިއާއިން އުފައްދާ "ފްކާ ރަމްޑޫއޯލް ޖޭސްމިން" ވައްތަރުގެ ހަނޑުލަށް ވަނީ ދުނިޔޭގެ އެންމެ މޮޅު ހަނޑުލުގެ އެވޯޑް ފަސްވަނަ ފަހަރަށް ލިބިފައެވެ. "ފްކާ ރަމްޑޫއޯލް" އަކީ ބައިނަލްއަގުވާމީ މާކެޓުތަކުގައި ވިޔަފާރިވެރިންގެ މެދުގައި މަގުބޫލު ހަނޑުލެކެވެ. މިއީ "އަންކޯ މަލީސް" ސެޓްފިކެޓް މާކްސްގެ ދަށުން އެކްސްޕޯޓްކުރާ އެއް ބާވަތެވެ.

ކެމްބޯޑިއާ ރައިސް ފެޑެރޭޝަން (ސީއާރުއެފް) ގެ ތަރުޖަމާނު ލަން ޔެންގް ވިދާޅުވެފައިވާ ގޮތުގައި ކެމްބޯޑިއާ އިން ދުވަހަކުވެސް ރަސްމީކޮށް ރާއްޖޭގެ މާކެޓަށް މިލްޑް ރައިސް އެކްސްޕޯޓްކޮށްފައިނުވާ ކަމަށާއި އެކަން ކުރަން ފެށުމަށް އެގައުމުގެ ސަރުކާރުން ރާވާފައިވާތީ މަރުހަބާ ދަންނަވާ ކަމަށެވެ.