ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ލިވިން އެކްސްޕޯގައި އެލައިޑް އިންޝޯރެންސްގެ ސްޓޯލަށް ޒިޔާރަތްކޮށްގެން 250،000 ރުފިޔާގެ ވައުޗަރެއް ލިބޭ ލަކީ ޑްރޯއެއް ފަށައިފިއެވެ.

އެލައިޑް އިންޝިއުރެންސްގެ ސީނިއާ ސޭލްސް އޮފިސަރު އަލީ ޝިފާޒް "ވަން" އަށް ވިދާޅުވީ މި ލަކީޑްރޯއަކީ އެ ސްޓޯލަށް ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކެއްގެ މެދުގައި ބާއްވާ ލަކީ ޑްރޯއެއް ކަމަށެވެ. އެގޮތުން ލަކީޑްރޯއިން ހޮވޭ ނަސީބުވެރިއަކަށް ލިބޭ މި ވައުޗަރު ބޭނުންކޮށްގެން އެލައިޑްގެ ހޯމް ކޮންޓެންޓް ތަކާފުލް އިންޝިއުރެންސް ސްކީމުގައި ބައިވެރިވެވޭނެ ކަމަށް ވިދާޅުވިއެވެ.

އެލައިޑްގެ ހޯމް ކޮންޓެންޓް ތަކާފުލް އިންޝިއުރެންސް އަކީ ހޯމް އިންޝުއަރެންސްގެ ވައްތަރެކެވެ. އެއީ ގޭގެ އިމާރާތް ނޫން ހުރިހާ އެއްޗަކަށް ލިބޭ ގެއްލުމުން ރައްކާތެރިކޮށްދޭ އިންޝިއުރެންސް ސްކީމް އެކެވެ. އެގޮތުން ގޭތެރޭގައި ބޭނުންކުރާ ހިފައިގެންގުޅޭ ސާމާނުތަކާއި އިމާރާތުގައި ހަރުކޮށްފައި ހުންނަ އެއާ ކޮންޑިޝަން ފަދަ ތަކެތި މި ސްކީމުން ކަވަރުކޮށްދޭނެއެވެ.

ޝިފާޒް ވިދާޅުވީ ލަކީ ޑްރޯގެ އިތުރުން ގެދޮރު އިންޝުއަރެންސް ކުރުމާ ގުޅޭގޮތުން ކަސްޓަމަރުންނަށް މައުލޫމާތުވެސް ލިބޭނެ ކަމަށެވެ. އަދި އެލައިޑްގެ ސްޓޯލަށް ޒިޔާރަތްކޮށްގެން އިންޝުއަރެންސްއާ ގުޅޭ ސުވާލަކަށް ޖަވާބު ދިނުމުން ހަދިޔާ ހޯދުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް ވިދާޅުވިއެވެ.

މޯލްޑިވްސް ލިވިން އެކްސްޕޯއަކީ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ރިއަލް އެސްޓޭޓް ވިޔަފާރިތަކުގެ ހިދުމަތްތައް ދައްކާލައި، ވިޔަފާރީގެ މާހައުލެއް ގާއިމުކޮށްދިނުމުގެ ގޮތުން ރާއްޖޭގެ ޕީއާރު އަދި މާކެޓިން ކުންފުންޏެއް ކަމަށްވާ ހައިރައިޒް ޕްރައިވެޓް ލިމިޓެޑުން އިންތިޒާމުކޮށްގެން ބާއްވާ އެކްސްޕޯއެކެވެ. މިއީ މި އެކްސްޕޯ ބާއްވާ ނުވަ ވަނަ އަހަރެވެ.

މިއަހަރުގެ އެކްސްޕޯ އިއްޔެ ފަށާފައިވާ އިރު، މާދަމާ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ދަރުބާރުގޭގަ ކުރިއަށްދާނެއެވެ.