ޣާޒީ ސްކޫލްގެ އެޑްމިނިސްޓްރޭޓަރުކަމުގެ މަގާމުގައި ހުންނެވި މަރިޔަމް ޝިޔާޒާއަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއްކޮށް މިއަދު އިހުތިޖާޖު ކުރި އެ ސްކޫލްގެ ޓީޗަރުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެޑިއުކޭޝަން މިނިސްޓްރީން ދީފިއެވެ.
ކޮރަޕްޝަނާ ދެކޮޅަށް ލިޔެފައިވާ ލިއުންތައް ބޭނުންކޮށްގެން މިއަދު ކުރި އިހުތިޖާޖުގައި ބައިވެރިވި އެސްކޫލްގެ ޓީޗަރަކު ނަން ނުޖެހުމަށް އެދި، "ވަން" އަށް ބުނީ އެތަނުގެ ޕްރޮޖެކްޓްތައް އެޑްމިނިސްޓްރޭޓަރު ބޭނުންވާ ބަޔަކަށް ދީގެން، ކޯޓޭޝަންތައް އަމިއްލައަށް ހަދައިގެން ބޮޑެތި ކޮރަޕްޝަންތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
"އެގޮތުން ސްކޫލްގެ ހަޓުގައި ވެސް އެ ހުރީ ހަމައެކި ކުލަ ދީގެން 27700 ރުފިޔާއަށް ކުލަ ލައިފަ، ހަޓް ހިޔާ ކުރުމެއް، އޭރު އެހެންކަމެއް ކުރުމެއްނެތް، ހަމައެކަނި ކުލަކޮޅު ހާކައިލުން ފިޔަވާ،"
މީގެ އިތުރުން ސްކޫލްގެ ޓާފް ދަނޑު އަމިއްލަ ބޭނުންތަކަށް ބޭނުން ކުރުމުގެ އިތުރުން އެތަން ކުއްޔަށް ދީގެން ލިބޭ ފައިސާ އާއި ސްކޫލްގެ ޕީޓީއޭއިން ބެލެވެރިން މަސައްކަތް ކޮށްގެން ސްކޫލްގެ ހުރިހާ ކުލާސްތަކަކަށް ކަބަޑު ގަތުމަށް ހޯދި ފައިސާ އަށް އެޑްމިނިސްޓްރޭޓަރު ހިޔާނާތް ވެފައިވާ ކަމަށްވެސް އެ އިހުތިޖާޖުގައި ޓީޗަރުން ތުހުމަތު ކޮށްފައިވެއެވެ. އަދި ސްކޫލްގެ ހުރިހާ ކުލާސް ރޫމެއްގައި ބެހެއްޓުމަށް ހެޔޮ އެދޭ ފަރާތަކުން ހަދިޔާކުރި ޓީވީތަކުން ބައެއް ޓީވީ މަދުވެފައިވާ މައްސަލަވެސް އޭގެ ތެރޭގައި ހިމެނެއެވެ.
ކޮރަޕްޝަންގެ އެ މައްސަލަތަކާމެދު ޓީޗަރުން ހިތްހަމަ ނުޖެހޭތީ ޖެއްސުން ކުރުމުގެ ގޮތުން ޣާޒީ ސްކޫލްގެ ސާވާ ޑައުންކޮށްލާފައިވާ ކަމަށްވެސް އެ އިހުތިޖާޖުގައި އެޑްމިނިސްޓްރޭޓަރުގެ މައްޗަށް ވަނީ ތުހުމަތުކޮށްފައެވެ.
"ސާވާ ޑައުން ކޮށްލުމާ ގުޅިގެން ސްކޫލްގެ ލިޔެކިއުންތަކުގެ މަސައްކަތް ކުރިއަށްގެންދަން ވަނީ ވަރަށްބޮޑަށް ދަތިވެފައި، މިދުވަސްވަރަކީ ކުދިންގެ ހުރިހާ މާކްޝީޓްތަކާ އެއްޗެހި ހަދަން ޖެހޭ ދުވަސްވަރު، ރިޕޯޓް ފޯމުތައް ރެޑީ ކުރަންޖެހޭ، ކުދިންގެ ހުރިހާ ޑޮކިއުމެންޓެއް ހުންނާނީ އޭގައި، އެހެންކަމުން ސާވާ ޑައުންކޮށްލުމަކީ ސްކޫލަށް ލިބުނު ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް،" އިހުތިޖާޖުގައި ބައިވެރިވެރިވި ޓީޗަރަކު ވަން އަށް ބުންޏެވެ.
އޭނާ ބުނީ ޓީޗަރުންގެ ކަންބޮޑުވުމަކީ އެ ހުރިހާ ތުހުމަތުތަކެއް އެޑްމިނިސްޓްރޭޓަރުގެ މައްޗަށް ކުރަމުން ދަނިކޮށް، އޭނާއާމެދު ފިޔަވަޅު އަޅާނެ ކަމަށް ބުނި ނަމަވެސް، އެޑިއުކޭޝަން މިނިސްޓްރީން އޭނާއަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި ގާޒީ ސްކޫލްގެ ހިންގުން ހަރުދަނާކުރުމަށް ކަމަށްބުނެ، މިނިސްޓްރީގެ އިންކްލޫސިވް އެޑިއުކޭޝަން ޑިޕާޓްމަންޓަށް ދެ މަސް ދުވަހުގެ މުއްދަތަކަށް އޭނާ ބަދަލުކޮށްފައިވުން ކަމަށެވެ.
ޓީޗަރުން ބުނީ އެމީހުންގެ ޑިމާންޑަކީ އެ މައްސަލައިގައި އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާގޮތަށް އެޑްމިނިސްޓްރޭޓާއަށް ފިޔަވަޅު އެޅުން ކަމަށެވެ.
މި އިހުތިޖާޖާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ވަނީ، ޣާޒީ ސްލޫގެ މުވައްޒަފުންތަކެއް މާލިއްޔަތުގެ ގަވާއިދާ ހިލާފުވެފައިވާ މައްސަލަތަކެއް ބަލައި ފިޔަވަޅު އެޅުމުގެ ކަންތައްތައް ސްކޫލް ހިންގުމާ ހަވާލުވެހުރި ފަރާތާ ހިއްސާކުރަމުން ދަނިކޮށް، އެޑްމިނިސްޓްރޭޓަރަށް ޕްރޮމޯޝަނެއް ދީފައިވާ ކަމަށްބުނެ، ސްކޫލް މުވައްޒަފުންތަކެއް އިހުތިޖާޖުކުރި މައްސަލައެއް މިހާރު ބަލަން ފަށާފައިވާ ކަމަށެވެ.
އެ މައްސަލައިގެ ހަގީގަތް އޮޅުވާލައި ސްކޫލާއި އެ މިނިސްޓްރީ ބަދުނާމުވާ ގޮތަށް ދޮގު މައުލޫމާތު މީޑިއާތަކުގައި ނުފެތުރުމަށްވެސް އެ ބަޔާނުގައި މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ. އިހުތިޖާޖުގެ މައްސަލަތައް ބަލައި ނިމުމަށްފަހު ސިވިލް ސާވިސް ގަވާއިދާ އެއްގޮތަށް އެކަންކަމުގައި ޝާމިލުވާ ފަރާތްތަކަށް އިސްލާހީ ފިޔަވަޅު އަޅާނެ ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު