ޣާޒީ ސްކޫލްގެ މުދަލާއި ފައިސާ ހަރަދު ކުރުމުގައި މާލިއްޔަތުގެ ގަވާއިދާ ހިލާފުވި ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެމިނިސްޓްރީން މިހެން ބުނީ، ޣާޒީ ސްކޫލްގެ އެޑްމިނިސްޓްރޭޓަރު މަރިޔަމް ޝިޔާޒާ އެސްކޫލްގެ މުދަލާއި ފައިސާ އާއި ވަސީލަތްތަކަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކޮށް، އެ ސްކޫލްގެ ޓީޗަރުންތަކެއް މިއަދު ކުރިއަށްގެންދިޔަ ހިމޭން އިހުތިޖާޖާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައި ވަނީ، އެ ސްކޫލްގެ މުދަލާއި ފައިސާ ބެލެހެއްޓުމާ ގުޅުންހުރި މައްސަލަތައް ފާހަގަ ކުރެވިގެން އެކަންތައްތައް އިތުރަށް ބެލުމަށް މިނިސްޓްރީގެ އިންޓާނަލް އޮޑިޓް ސެކްޝަނުން އޮޑިޓެއް ހަދާފައިވާ ކަމަށެވެ.
މި އޮޑިޓްގެ ތެރޭގައި ސްކޫލްގެ މުދަލާއި ފައިސާ ހަރަދު ކުރުމުގައި މާލިއްޔަތުގެ ގަވާއިދާ ހިލާފަށް ބައެއް ކަންކަން ހިންގާފައިވާ ކަމަށް ފާހަގަ ކުރެވި އެ މައްސަލަތައް ބެލުމަށް އިދާރީ ތަހުގީގެއް ހިންގާފައިވާ ކަމަށްވެސް ބުންޏެވެ.
އެ ތަހުގީގު ކުރިއަށްދިޔަ މަރުހަލާގައި އިތުރު ކަންކަމާބެހޭ މައުލޫމާތު ލިބިގެން ބަޔާންތައް ނެގުމުގެ މަރުހަލާ ދިގުލައިގެން ދިޔަ ނަމަވެސް މައްސަލައިގެ އިދާރީ ތަހުގީގު ނިމި ރިޕޯޓު އެކުލަވާލައި، ފާހަގަ ކުރެވުނު ކަންކަމަށް ރިއާޔަތްކޮށް އިހުމާލުވާ މުވައްޒިފުންނަށް އިސްލާހީ ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް ބުންޏެވެ.
އެގޮތުން ދެ މުވައްޒަފަކާ ގުޅޭ ޑޮކިއުމެންޓް ފޯޖު ކުރުމުގެ މައްސަލައެއް ބަލަމުންދާ ކަމަށާއި ސްކޫލްގެ މުވައްޒަފެއް ސްކޫލަށް ލިބިފައިވާ ޓީވީއެއް ގެއަށް ގެންދިޔަ މައްސަލައެއް ބަލަމުންދާ ކަމަށެވެ. މި ދެ ކަމަކީވެސް ޖިނާއީ ކުށްތަކެއް ހިމެނޭ މައްސަލަތަކަކަށްވާތީ، އެ މައްސަލަތައް އިތުރަށް ތަހުގީގު ކޮށްދިނުމަށް އެދި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
އެޑްމިނިސްޓްރޭޓަރަށް ކޮރަޕްޝަންގެ ތުހުމަތުތައް ކޮށްފައި ވަނިކޮށް ފިޔަަވަޅު އެޅުމުގެ ބަދަލުގައި އެޑިއުކޭޝަން މިނިސްޓްރީގެ މަގާމަކަށް އޭނާ ބަދަލުކުރި މައްސަލައާ ގުޅިގެން މިނިސްޓްރީން ބުނީ، މިމަހު ހަޔަކުން ފެށިގެން އޭނާ މިނިސްޓްރީގެ ޑިޕާޓްމަންޓަކަށް ވަގުތީގޮތުން ބަދަލު ކުރީ، ސިވިލް ސާވިސްގެ ގަވާއިދުގެ ދަށުން މުވައްޒަފަކާ ގުޅޭގޮތުން ފާހަގަ ކުރެވޭ ކަންކަމުގައި މުވައްޒަފު ޖަވާބުދާރީ ކުރުވުމުގެ މަރުހަލާ ކުރިއަށްދާ އިރު، ސްކޫލްގެ އެޑްމިނިސްޓްރޭޓަރުކަމުގެ މަގާމުގައި އޭނާ ހުރުމަކީ އެކަމުން ސްކޫލަށް އިތުރު މައްސަލަތައް ކުރިމަތިވެދާނެ ކަމެއްކަން ފާހަގަ ކުރެވޭތީ ކަމަށެވެ.
އެ ބަދަލު ގެނައީ ސްކޫލް ހިންގުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ޕްރިންސިޕަލާ ފޯނުން ގުޅައި އެކަމުގެ މައުލޫމާތު އެފަރާތާ ހިއްސާކޮށް، މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ. ނަމަވެސް މަޝްވަރާ ކުރީ ކޮން ޑެޕިއުޓީ ޕްރިންސިޕަލަކާ ކަމެއް އެ ބަޔާނުގައި ބުނެފައެއް ނުވެއެވެ.
އެ މައްސަލަތަކާ ގުޅިގެން އެޑްމިނިސްޓްރޭޓަރު ހިމެނޭގޮތުން އިސްލާހީ ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ ކަންކަން ސިވިލް ސާވިސް ކޮމިޝަންގެ މަޝްވަރާގެ މަތިން ކުރިއަށް ގެންދާނެ ކަމަށްވެސް އެ ބަޔާނުގައި ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު