ޣާޒީ ސްކޫލްގެ އެޑްމިނިސްޓްރޭޓަރުކަމުގެ މަގާމުގައި ހުންނެވި މަރިޔަމް ޝިޔާޒާއަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއްކޮށް އެ ސްކޫލްގެ ޓީޗަރުން މިއަދު އިހުތިޖާޖުކޮށްފިއެވެ.

އެ އިހުތިޖާޖުގައި ބައިވެރިވި އެސްކޫލްގެ ޓީޗަރަކު ނަން ނުޖެހުމަށް އެދި "ވަން" އަށް ބުނީ، އެތަނުގެ ޕްރޮޖެކްޓްތައް އެޑްމިނިސްޓްރޭޓަރު ބޭނުންވާ ބަޔަކަށް ދީގެން ކޯޓޭޝަންތައް އަމިއްލައަށް ހަދައިގެން ބޮޑެތި ކޮރަޕްޝަންތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

"އެގޮތުން ސްކޫލްގެ ހަޓުގައި ވެސް އެ ހުރީ ހަމައެކި ކުލަ ދީގެން 27700 ރުފިޔާއަށް ކުލަ ލައިފަ، ހަޓް ހިޔާ ކުރުމެއް، އޭރު އެހެންކަމެއް ކުރުމެއް ނެތް، ހަމައެކަނި ކުލަކޮޅު ހާކައިލުން ފިޔަވާ،"

މީގެ އިތުރުން ސްކޫލްގެ ޓާފް ދަނޑު އަމިއްލަ ބޭނުންތަކަށް ބޭނުން ކުރުމުގެ އިތުރުން އެތަން ކުއްޔަށް ދީގެން ލިބޭ ފައިސާ އާއި ސްކޫލްގެ ޕީޓީއޭއިން ބެލެވެރިން މަސައްކަތް ކޮށްގެން ސްކޫލްގެ ހުރިހާ ކުލާސްތަކަކަށް ކަބަޑު ގަތުމަށް ހޯދި ފައިސާ އަށް އެޑްމިނިސްޓްރޭޓަރު ހިޔާނާތް ވެފައިވާ ކަމަށްވެސް އެ އިހުތިޖާޖުގައި ޓީޗަރުން ތުހުމަތު ކޮށްފައިވެއެވެ. އަދި ސްކޫލްގެ ހުރިހާ ކުލާސް ރޫމެއްގައި ބެހެއްޓުމަށް ހެޔޮ އެދޭ ފަރާތަކުން ހަދިޔާކުރި ޓީވީތަކުން ބައެއް ޓީވީ މަދުވެފައިވާ މައްސަލަވެސް އޭގެ ތެރޭގައި ހިމެނެއެވެ.

ކޮރަޕްޝަންގެ އެ މައްސަލަތަކާމެދު ޓީޗަރުން ހިތްހަމަ ނުޖެހޭތީ ޖެއްސުން ކުރުމުގެ ގޮތުން ގާޒީ ސްކޫލްގެ ސާވާ ޑައުންކޮށްލާފައިވާ ކަމަށްވެސް އެ އިހުތިޖާޖުގައި އެޑްމިނިސްޓްރޭޓަރުގެ މައްޗަށް ވަނީ ތުހުމަތުކޮށްފައެވެ.

"ސާވާ ޑައުން ކޮށްލުމާ ގުޅިގެން ސްކޫލްގެ ލިޔެކިއުންތަކުގެ މަސައްކަތް ކުރިއަށްގެންދަން ވަނީ ވަރަށް ބޮޑަށް ދަތިވެފައި، މިދުވަސްވަރަކީ ކުދިންގެ ހުރިހާ މާކްޝީޓްތަކާ އެއްޗެހި ހަދަން ޖެހޭ ދުވަސްވަރު، ރިޕޯޓް ފޯމުތައް ރެޑީ ކުރަންޖެހޭ، ކުދިންގެ ހުރިހާ ޑޮކިއުމެންޓެއް ހުންނާނީ އޭގައި، އެހެންކަމުން ސާވާ ޑައުންކޮށްލުމަކީ ސްކޫލަށް ލިބުނު ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް،" އިހުތިޖާޖުގައި ބައިވެރިވެރިވި ޓީޗަރަކު "ވަން" އަށް ބުންޏެވެ.

އޭނާ ބުނީ ޓީޗަރުންގެ ކަންބޮޑުވުމަކީ އެ ހުރިހާ ތުހުމަތުތަކެއް އެޑްމިނިސްޓްރޭޓަރުގެ މައްޗަށް ކުރަމުން ދަނިކޮށް، އޭނާއާމެދު ފިޔަވަޅު އަޅާނެ ކަމަށް ބުނި ނަމަވެސް، އެޑިއުކޭޝަން މިނިސްޓްރީން އޭނާއަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި ގާޒީ ސްކޫލްގެ ހިންގުން ހަރުދަނާކުރުމަށް ކަމަށްބުނެ، މިނިސްޓްރީގެ އިންކްލޫސިވް އެޑިއުކޭޝަން ޑިޕާޓްމަންޓަށް ދެ މަސް ދުވަހުގެ މުއްދަތަކަށް އޭނާ ބަދަލުކޮށްފައިވުން ކަމަށެވެ.

ޓީޗަރުން ބުނީ އެމީހުންގެ ޑިމާންޑަކީ އެ މައްސަލައިގައި އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާގޮތަށް އެޑްމިނިސްޓްރޭޓާއަށް ފިޔަވަޅު އެޅުން ކަމަށެވެ.

މިއަދު ޓީޗަރުން އިހުތިޖާޖު ކުރަމުން ދަނިކޮށް އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފެންވަރުގެ ތިން ވެރިން ސްކޫލަށް ވަޑައިގެން ކަމަށާއި އެ ބޭފުޅުން ގޯސް ކުރެއްވީ އިހުތިޖާޖު ކުރަމުންދިޔަ ކަމަށްވެސް އޭނާ ބުންޏެވެ.

"އެބޭފުޅުން ވިދާޅުވީ ތިގޮތަށް ކަންތައް ކުރުމުން ޣާޒީ ސްކޫލް ބަދުނާމު ވަނީ ނޫންކަމަށް، އަޅުގަނޑުމެން ބުނިން ދެން އިތުރަށް ސްކޫލް ވާނެ ބަދުނާމެއްނެތޭ،"

އިތުރު ޓީޗަރަކު ބުނި ގޮތުގައި ކޮރަޕްޝަން ހިންގާ މައްސަލައިގައި އެ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް މަރިޔަމް އިބްރާހިމް އެޑްމިނިސްޓްރޭޓަރަށް ފިޔަވަޅު އެޅުއްވުމުން އޭނާ އެހެން ސްކޫލަކަށް ބަދަލު ކޮށްފައިވާ ކަމަށެވެ. އޭގެފަހުން މިހާތަނަށް ޣާޒީ ސްކޫލަށް ޕްރިންސިޕަލަކު ހަމަޖައްސާފައި ނުވާ ކަމަށްވެސް ބުންޏެވެ.