މަންޓާ އެއާގެ ސީޕްލޭން ފްލީޓް ބޮޑުކުރުމަށް އިތުރު 12 ބޯޓެއް ހޯދަން އިއުލާނުކޮށްފިއެވެ.
މަންޓާ އެއާއަށް 12 ސީޕްލޭން ވިއްކާނެ ނުވަތަ ކުއްޔަށް ދޭނެ ފަރާތްތައް ހޯދަން ބޭނުންވެގެން އެކުންފުނިން ވަނީ އިއްޔެ އިއުލާނުކޮށްފައެވެ. އެ އިއުލާނުގައި ބުނެފައިވާ ގޮތުން އެކުންފުނިން ހޯދަނީ ޑީއެޗްސީ ޓުވިން އޮޓާ މަރުކާގެ 12 ބޯޓެވެ.
މި ބޯޓުތައް ވިއްކަން ނުވަތަ ކުއްޔަށް ދޭން ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި ހަމަވަނީ އަންނަ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 12:00 އަށެވެ.
މަންޓާ އެއާގެ ފްލީޓު ބޮޑުކުރުމާ ގުޅޭގޮތުން އެ އެއާލައިންގެ މާކެޓިން އެންޑް ކޮމިއުނިކޭޝަން މެނޭޖަރު މުބީން ޖަލީލު "ވަން" އަށް މިއަދު ވިދާޅުވީ މަންޓާގެ ނެޓްވޯކް އިތުރަށް ފުޅާކުރުމަކީ ކުންފުނިން އަބަދުވެސް ގެންގުޅޭ ޕްލޭނެއް ކަމަށާއި މަގުސަދަކީ ޕަސިންޖަރުންނަށް ހިދުމަތް ދިނުމަށް ބޭނުންވާ ގާބިިލުކަން ތަރައްގީކޮށް ރާއްޖޭގެ އިތުރު ހިސާބުތަކަށް އެއާލައިންގެ ނެޓްވޯކް ފުޅާކުރުން ކަމަށެވެ.
އެގޮތުން އަންނަ އަހަރަށް މިހާރުވެސް ފަސް ބޯޓެއް ގެނައުމަށް އޯޑަރުކޮށްފައިވާނެ ކަމަށާއި މިހާރު ހޯދަން އިއުލާނުކޮށްފައިވާ 12 ބޯޓަކީ އޭގެ އިތުރުން ހޯދާ ބޯޓުތަކެއް ކަމަށް މުބީން ވިދާޅުވިއެވެ. އަދި ފްލީޓަށް އިތުރުވާ ބޯޓުތަކާއެކު ރާއްޖޭގެ އިތުރު ސަރަހައްދުތަކަށް ދަތަރުތައް ފަށާނެ ކަމަށް މުބީން ވިދާޅުވިއެވެ.
ދެހާސް ނަވާރަ ވަނަ އަހަރު ސީޕްލޭން ދަތުރުތައް ފެށި މަންޓާ އެއާލައިނުގެ ސީޕްލޭން ފްލީޓުގައި 16 ބޯޓު މިހާރު އޮވެއެވެ. އަދި އެ އެއާލައިނުން 30 ރިސޯޓަކަށް ދަތުރުކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު