ގއ. އަތޮޅަށް ބިން ހެލުމެއްގެ އަސަރު ކޮށްފިއެވެ.

މެޓް އޮފީހުން މިރޭ ބުނީ، ގއ. އަތޮޅުގެ ބައެއް ރަށްތަކުގެ ބިންގަނޑަށް ލޮޅުމެއް އައިކަމުގެ ރިޕޯޓުތައް ލިބިފައިވާ ކަމަށެވެ.

އެ ރިޕޯޓުތައް ލިބުމާ ގުޅިގެން ބެލިބެލުމުން ގދ. ކާޑެއްދޫގައި ގާއިމުކޮށްފައިވާ ބިންހެލުން ރިކޯޑު ކުރާ މީޓަރަށް މިރޭ 12:11 އެހާކަންހާއިރު ލޮޅުމުގެ އަސަރެއް ކޮށްފައިވާކަން ރިކޯޑު ކުރެވިފައިވާ ކަމަށެވެ.

އެ ބިންހެލުމުގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް ނެތް ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.

ނަމަވެސް ބިންހެލުން އައިސްފައިވަނީ ކޮން ސަރަހައްދަކަށް ކަމެއް މެޓް އޮފީހުން ހާމައެއް ނުކުރެއެވެ. އަދި ބިންހެލުމުގެ ބާރުމިން ވެސް ހާމަކޮށްފައެއް ނުވެއެވެ.